2013 ނޮވެމްބަރ 10 ވަނަ ދުވަހުގެ ނިޔަލަށް، ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން 2008 ނޮވެމްބަރ 11 ގައި ފެށުނު ރިޔާސީ ދައުރު ނިމުމަކަށް އަތުވެއްޖެކަމުގައި އަންގަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބުދުﷲ ޝާހިދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރ ޑރ. ފަޒީލް ނަޖީބަށް މިއަދު ސިޓީއެއް ފޮނުއްވަވައިފިއެވެ. މިފަދަ ސިޓީއެއް ގަވަރނަރ އަށް ފޮނުއްވަވަން މި ޖެހިވަޑައިގަތީ، ޤާނޫނުއަސާސީއާ އެއްގޮތަށް ޢަމަލުކުރުމަކީ ދައުލަތުގެ ވާޖިބެއްކަމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، ދައުލަތުގެ ޤާނޫނު ހެދުމުގެ ބާރުކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކަށްހުރެ މިވާހަކަތައް ގަވަރނަރގެ އަރިހުގައި ދެންނެވުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާޖިބެއްކަމުގައި އަމަނިކުފާނަށް ޤަބޫލުކުރެއްވޭތީ ކަމުގައި އެ ސިޓީގައި ވިދާޅުވެފައިވެއެވެ.
ޤާނޫނުއަސާސީގެ 107 ވަނަ މާއްދާގައި ބަޔާންކުރަނީ، ރައީސުލްޖުމްހޫރިއްޔާކަމުގެ ދައުރަކީ ފަސް އަހަރު ދުވަސްކަމަށެވެ. ޤާނޫނުއަސާސީގެ 262 ވަނަ މާއްދާއަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާކަމުގެ ދައުރަށް އެއްވެސް ބަދަލެއް ގެނައުމަށްޓަކައި، ޤާނޫނުއަސާސީގެ 107 ވަނަ މާއްދާ އިޞްލާޙުކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ އެއްވެސް ބިލެއް ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީޤުކުރެވެނީ، އެ އިޞްލާޙު ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއްގައި، އެ އިޞްލާޙު ގެނައުމަށް، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމައެވެ. އަދި، އެ އިޞްލާޙެއް ގެނައުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލެއް ބާޠިލްވީއެވެ. އެނޫން ގޮތަކަށް، ރައީސުލްޖުމްހޫރިއްޔާގެކަމުގެ ދައުރުގެ މުއްދަތު އިތުރެއް ނުކުރެވެއެވެ. އެހެންކަމުން، 2008 ނޮވެމްބަރ 11 ވަނަ ދުވަހުގައި ފެށުނު ރިޔާސީ ދައުރު، 2013 ނޮވެމްބަރ 10 ވަނަ ދުވަހުގެ ނިޔަލަށް ނިމުމަކަށް އައިސްފައިވާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ. އަދި، ދައުރުގެ މުއްދަތު، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ އިތުރުނުކުރެވޭނެކަމުގައިވެސް އެ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.
ޤާނޫނުއަސާސީގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމައަށް ކިޔަމަންވެ ޢަމަލުކުރުމަކީ ދައުލަތުގެ ތިން ބާރުގެ މައްޗަށާއި، ދައުލަތުގެ އެކިއެކި މަޤާމްތަކާ ޙަވާލުވެތިބި މީހުންނާއި އެންމެހައި ރައްޔިތުންގެ މައްޗަށް ޤާނޫނުއަސާސީއިން މަތިކޮށްފައިވާ ވާޖިބެއްކަމަށް ވީހިނދު، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށްކުރާ ކޮންމެ ކަމަކީ ބާޠިލްކަމެއްކަމަށް ޤާނޫނުއަސާސީގެ 268 ވަނަ މާއްދާއިން ވަރަށް ސާފުކޮށް އެނގޭ ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސިޓީފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ.