ކޮމިޓީތަކަށް މީހުން ޙާޟިރުކުރުމުގެ އުޞޫލުތަކާ ޚިލާފަށް ކޮމިޓީއަށް މީހުން ޙާޟިރެއް ނުކުރެވޭނެ

މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެކި ފަރާތްތައް ޙާޟިރުވެވަޑައިގަތުމަށް ދެންނެވިފައިވަނީ މަޖިލީހުގެ ކޮމިޓީތަކަށް އެކިފަރާތްތައް ހާޟިރުވެވަޑައިގަތުމަށް ދެންނެވުމުގައި މަޖިލީހުގެ ކޮމިޓީތަކުގައި ގެންގުޅޭ އިޖުރާއަތުތަކާއި ޚިލާފަށް ކަމުގައިވާތީ މާލިއްޔަތު ކޮމިޓީއަށް މިއަދު ވަޑައިގެންނެވި ބޭފުޅުން އެނބުރިވަޑައިގަތުމަށް މަޖިލީހުގެ އިދާރާއިން ވަނީ އެބޭފުޅުންނަށް ދަންނަވާފައެވެ.

މަޖިލީހުގެ ކޮމިޓީތަކަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާ އުޞޫލަކީ ޙާޟިރުކުރަންޖެހޭ ފަރާތްތައް ޙާޟިރުކުރުމަށް ކޮމިޓީން ފާސްކުރައްވާފައި އޮތުމެވެ. ނަމަވެސް މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގަތުމަށް ބޭފުޅުންނަށް ދަންނަވާފައިވަނީ އެ އިޖުރާއަތާ އެއްގޮތަކަށް ނޫނެވެ.

11 ނޮވެމްބަރ 2013