ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނެރުއްވާ ޚިޠޯބް

ކީރިތިވަންތަ މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޒްރަތަށް ޙަމްދާއި ޘަނާ ދަންނަވަމެވެ. މިއުއްމަތުގެ މާތް ނަބިއްޔާ محمد صلى الله عليه وسلمއަށް ޞަލަވާތް ކިޔަވައި ސަލާމް ދަންނަވަމެވެ. މި ޞަލަވާތާއި ސަލާމުގައި އިތުރު މާތް ނަބިއްޔާގެ އާލުންނާއި އަޞްޙާބުން ޝާމިލުވާ ގޮތުގައެވެ.

މިއަހަރުގެ ޖުމްހޫރީ ދުވަސް އަޅުގަނޑުމެންނާ މި ބައްދަލުކުރީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޙަޔާތުގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި އިންތިޚާބުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަކު ނެތިއެވެ. ޖުމްހޫރީ ވެރިކަމެއްގެ އަސާސީ މަފްހޫމަކީ ދައުލަތުގެ އެންމެހާ ބާރުތަކެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށްވެފައި އަދި މި ބާރުތައް ދެމި އޮންނަނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށްވާއިރު ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރިޔާސަތުގެ ދައުރު ނިމި އައު ދައުރު މިއަދު ފެށުނު އިރު ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއެއް ނެތްކަން އެއީ އަޅުގަނޑެކޭ އެއްފަދައިން ރާއްޖޭގެ ކޮންމެ ރައްޔިތަކުމެ ނުހަނު ކަން ބޮޑުވާ ކަމެކެވެ.

ޤައުމުގެ ޙާލަތު މިފަދަ ފައްތަރަކަށް ގޮސްފައިވާ ދަނޑިވަޅެއްގައި ރާއްޖޭގެ އެންމެހައި ލޮބިވެތި ރައްޔިތުންނަށް އަޅުގަނޑުގެ އިލްތިމާސްއަކީ ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތަކާއި މިނިވަންކަން ދެމެހެއްޓުމަށާއި ރައްޔިތުންގެ ކިބައިގައިވާ ދައުލަތުގެ ބާރުތައް ހިމާޔަތްކޮށް ދެމެހެއްޓުމަށް އަދި ޤާނޫނީ ވެރިކަމެއް ރާއްޖޭގައި ޤާއިމްކުރުމަށް ކޮންމެ ދިވެހި ރައްޔިތަކުވެސް އަޒުމް އައުކޮށް ހިތްވަރާއެކު މަސައްކަތްކޮށްދެއްވުމެވެ.

ޖުމްހޫރީ ވެރިކަމުގެ އަސާސްތައް ހަރުދަނާކުރުމަށް މަސައްކަތްކުރުމުގެ ހިތްވަރާއި ކެރުން ދިވެހި އެންމެހާ ރައްޔިތުންނަށް މިންވަރުކޮށްދެއްވުމަށް އެދި ﷲ ސުބަޙާނަހޫ ވަތަޢާލާގެ ހަޟްރަތަށް ދުޢާ ދަންނަވަމެވެ.

والحمد لله رب العالمين

   ޢަބްދުﷲ ޝާހިދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް

7 މުޙައްރަމް 1435

11 ނޮވެމްބަރ 2013