ޤާނޫނުއަސާސީގައި ބުނާގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާގޮތެއްގެ މަތިން މެނުވީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް މުސާރައާއި ޢިނާޔަތް ނުދެއްވޭނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ފައިނޭންޝަލް ކޮންޓްރޯލަރ އަލްފާޟިލް މުޙައްމަދު އަޙްމަދަށް އަންގަވައިފިއެވެ.
މަޖިލީހުން މިރޭ ފައިނޭންޝަލް ކޮންޓްރޯލަރ އަށް ފޮނުއްވި ސިޓީގައިވަނީ ތިރީގައި ބަޔާންކުރެވިފައިވާ އިބާރާތެވެ.
“ސަރުކާރުގައި މިހާރު ތިއްބެވި ވަޒީރުންނަށް ތިން މަސްދުވަހުގެ މުސާރައާއި ޢިނާޔަތެއް ދެއްވުމާބެހޭ ގޮތުން ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް ލިޔުއްވާފައިވާކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާކަމުގައި ދަންނަވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 102 ވަނަ މާއްދާގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށާއި، ރައްޔިތުންގެމަޖިލީހުގެ މެންބަރުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަށާއި، ފަނޑިޔާރުންނަށާއި، މުސްތަޤިއްލު ކޮމިޝަންތަކުގެ މެންބަރުންނަށާއި މުސްތަޤިއްލު މަޤާމް ތަކަށް މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންކަމުގައެވެ. އަދި ޤާނޫނު އަސާސީގެ 135 ވަނަ މާއްދާގައިވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމުގައެވެ.
ޤާނޫނު ނަންބަރު 2006/3 ( ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު ) ގެ 44 ވަނަ މާއްދާގެ (ށ) ގެ 2 ގައި ދައުލަތުގެ ފައިސާ ޚަރަދު ކުރެވެނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންތޯ ބެލުމަކީ ފައިނޭންޝަލް ކޮންޓްރޯލަރގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި ބަޔާންކޮށްފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 102 ވަނަ މާއްދާއާއި 135 ވަނަ މާއްދާގައިވާގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާގޮތުގެމަތިން ނޫން ގޮތަކަށް ސަރުކާރުގައި ތިއްބެވި ވަޒީރުންނަށް މުސާރައާއި ޢިނާޔަތް، ނުދެއްވޭނެކަމުގައި ދަންނަވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.”
8 ނޮވެމްބަރ 2013