ނޫސް ބަޔާން

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް-އެޓް-އާމްސް ގެ މަގާމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މަޖިލީހުގެ އޮފިސަރުންގެ މަގާމުތަކުގެ ތެރޭގައި ހިމެނޭ މަގާމެކެވެ. އެމަގާމަށް 30 އޮކްޓޯބަރ 2013 ވީ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ބޭފުޅަކު ޢައްޔަނު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 12 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތީން އެމަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތި ލެއްވި ފަރާތްތަކުގެ މެދުގައި ރައްޔިތުންގެ މަޖިލީހުގެ ޢާއްމު ކޮމިޓީން އިންޓަރވިއު ކުރެއްވުމަށްފަހު އެމަގާމަށް ޝަރުތު ފުރިހަމަވާކަމަށް އެކޮމިޓީއިން ލަފާ ދެއްވި 3 ނަން މަޖިލީހަށް ހުށަހަޅައި ޖަލްސާ އަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެ ވަޑައިގަތް 57 މެންބަރުންގެ ތެރެއިން 56 މެންބަރުންގެ އަޣުލަބިއްޔަތުން ފާސް ވުމުންނެވެ. މި ވޯޓުގައި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީ ތަކުގެތެރެއިން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އާއި ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭ.ޕީ) އާއި މޯލްޑިވިއަން ޑިވެލޮޕްމަންޓް އެލަޔަންސް ( އެމް.ޑީ.އޭ) ބައިވެރިވެ ތާއީދު ކޮށްފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ފާހަގަ ކުރައްވައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 11 ވަނަ މާއްދާގެ (ރ) ގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން ޢައްޔަނު ކުރެވޭ މީހުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ މުވައްޒަފުން ކަނޑައަޅައި، އެމުވައްޒަފުންނަށް ވަޒީފާދޭނީ ޕާލަމެންޓްރީ ސަރވިސްގެ މުވައްޒަފުންގެ ގަވައިދުގައިވާގޮތުގެމަތީން މަޖިލީހުގެ ރައީސްކަމަށް ވުމާއެކު ސާޖަންޓް-އެޓް-އާމްސްގެ މަގާމުގެ އޮނިގަނޑު އެކުލަވާލައި އެމަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ މުވައްޒަފުން ކަނޑައަޅާފައިވަނީވެސް ރައްޔިތުންގެ މަޖިލީހުގެ ޢާއްމު ކޮމިޓީން ކަމުގައި ދަންނަވަމެވެ.

މިހާ ސާފުކޮށް މަޖިލީހުގެ ގަވައިދާ އެއްގޮތަށް ހިނގަމުންދާކަމެއްގައި ޢާއްމު ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދި ފިތުނައަށް މަގުފަހިވާ ގޮތަށް ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްތަލިބު ޢަދާލަތު ޕާޓިގެ ނަމުގައި ދޮގުވާހަކަ ދައްކަވަމުން ގެންދަވާކަމީ މަޖިލީހުގެ ރައީސް ހިތާމަ ކުރައްވާ ކަމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޚިލާފަށް އެއްވެސްކަމެއް ނުކުރައްވާނެ ކަމުގެ ޔަޤީންކަން މިފުރުޞަތުގައި ދިވެހި ރައްޔިތުންނަށް އަރުވާ ކަމުގައިވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

2 ނޮވެމްބަރ 2013