މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 2013 ވަނަ އަހަރުގެ 50 ވަނަ ބައްދަލުވުމާ ގުޅޭ

މިއަދު 31 އޮކްޓޯބަރ 2013 (ބުރާސްފަތި) ވަނަ ދުވަހު ބޭއްވުނު މިނިވަންމުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީގެ 50 ވަނަ ބައްދަލުވުން ބޭއްވިފައިވަނީ، ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ނޫންކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ ދަންނަވަމެވެ. ކޮމިޓީގެ އެބައްދަލުވުމަކީ، 29 އޮކްޓޯބަރ 2013 ވީ އަންގާރަ ދުވަހު ބޭއްވުނު އެ ކޮމިޓީގެ ބައްދަލުވުމުން ފާސްކޮށްގެން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި، އެކޮމިޓީގެ ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބޭއްވިފައިވާ ބައްދަލުވުމެކެވެ.  29 އޮކްޓޯބަރ 2013 ވީ އަންގާރަ ދުވަހު ބޭއްވުނު ކޮމިޓީގެ 49 ވަނަ ބައްދަލުވުމުގައި، ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 9 މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެ ބައްދަލުވުމުގައި މިނިވަންމުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ހިންގާ ގަވާއިދަށް އިސްލާޚު ހުށަހަޅައި ފާސްކޮށް އެ އިސްލާޚުގައިވާ ގޮތުގެ މަތިން، މިއަދު 31 އޮކްޓޯބަރ 2013 ވަނަ ދުވަހު މި ކޮމިޓީގެ ބައްދަލުވުމަށް، އެކޮމިޓީއަށް ހުށަހެޅިފައިވާ، ޕްރޮސެކިއުޓަރ ޖެނެރަލް މަޤާމުން ވަކިކުރުމާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލާގައި ޖަވާބުދާރީވެވަޑައިގަތުމަށް އެމަނިކުފާނަށް ކޮމިޓީއަށް ވަޑައިގަތުމަށް ދެންނެވުމަށް ނިންމަވާފައިވަނީ ކޮމިޓީއަށް އެވަގުތު ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

މިގޮތުން ކޮމިޓީގެ ހިންގާ ގަވާއިދަށް އިސްލާޚް ގެނައުމަށް އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުށަހަޅުއްވައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ތާޢީދު ކުރައްވާފައިވާ ހުށަހެޅުމުގައި ވަނީ، މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު މަޤާމުތަކުގައި ތިބޭ ފަރާތްތައް މަޤާމުން ވަކިކުރުމުގެ މައްސަލައެއް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅިއްޖެނަމަ، އެއްމައްސަލައެއް ރައްދުވާ ފަރާތަށް އެކަން އަންގާ، އެމައްސަލައެއްގައި ޖަވާބުދާރީވުމަށް އެފަރާތަކަށް ފުރުޞަތެއް ދިނުމަށާއި، އެގޮތުން ޖަވާބުދާރީ ވުމަށް ކޮމިޓީއަށް ވަޑައިގަންނަވާ ބައްދަލުވުމުގައި، އަދި އެމައްސަލައެއް ރައްދުވާ ފަރާތަކަށް ވަކީލަކާ އެކު ވަޑައިގެން ލިޔުމުންނާއި އަނގަބަހުން ޖަވާބުދާރީވުމުގެ ފުރުޞަތު އޮތްކަމާއި، އަދި އެބައްދަލުވުމަށްފަހު، ކޮމިޓީން ހޯދާހޯދުންތަކުގެ މައްޗަށް ބިނާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އެފަރާތެއްގެ އިތުބާރުނެތްކަމުގެ މައްސަލަ ކޮމިޓީން ފާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ކޮމިޓީގެ ގަވާއިދަށް އިސްލާހު ހުށަހަޅަމެވެ.” މި ހުށަހެޅުން މި ގޮތަށް ފާސްކުރެއްވުމަށް ވޯޓު ދެއްވާފައިވާ މެންބަރުންނަކީ؛

  1. ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރު
  2. މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ
  3. ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު
  4. އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ
  5. ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
  6. އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަޙީދު

ވޯޓުގައި ބައިވެރިވެ ވަޑައި ނުގަންނަވާ މެންބަރު:

  1. ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒު

އަދި މިގޮތަށް ފާސްކުރެއްވުމަށްފަހު، ކޮމިޓީއަށް ހުށަހެޅިފައިވާ ޕްރޮސެކިއުޓަރ ޖެނެރަލް އިތުބާރުނެތްކަމުގެ މައްސަލައާ ގުޅިގެން، މިއަދު 31 އޮކްޓޯބަރ 2013 (ބުރާސްފަތި) ވަނަ ދުވަހުގެ 11:00 ގައި ބޭއްވުނު މިނިވަންމުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީގެ 50 ވަނަ ބައްދަލުވުމަށް އެމަނިކުފާނު ޙާޟިރުވެވަޑައިގަތުމަށް ދެންނެވުމަށް އެވަގުތު ކޮމިޓީއަށް ވަޑައިގެން ޙާޟިރުވެތިއްބެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކުރައްވާފައެވެ.

29 އޮކްޓޯބަރ 2013 ވަނަ ދުވަހު މެންދުރު 14:05 ން 14:40 އަށް ބޭއްވުނު އެ ކޮމިޓީގެ 49 ވަނަ ބައްދަލުވުމަށް ހާޟިރުވެވަޑައިގެންނެވި މެންބަރުންނަކީ؛

  1. ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރު
  2.  މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ
  3.  ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު
  4.  އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ
  5.  ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
  6.  އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަޙީދު
  7.  ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް
  8.  ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ އާރިފް
  9.  ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުޙުސިން ޙަމީދު
  10. 10.  ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު

ކޮމިޓީގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ މެންބަރު:

  1. ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު