މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ދެވަނަ ބައްދަލުވުމުގައި، 19 އޮކްޓޯބަރ 2013 ގައި ރާއްޖެ ޓީވީ އިން ބްރޯޑްކާސްޓްކުރި ކޮންޓެންޓްގެ މައްސަލަ ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާތީ އެކަމާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންއިން ފޮނުއްވާފައިވާ މައްސަލައާގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.
މިއަދުގެ ބައްދަލުވުމުގައި، މިމައްސަލައާއި ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން ހާޒިރުކުރެއްވުމަށާއި، މީޑިއާތަކަށް އަދި ނޫސްވެރިންގެ ސަލާމަތީ ޚިދުމަތްތައް ފޯރުކޮށްދެއްވުމުގެ ގޮތުން، ކަމާގުޅޭފަރާތްތަކުން އެއްބާރުލެއްވުން ދެވުމަށާއި އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުން ޢައްޔަންކޮށްފައިވާ ޑޮކްޓަރ މުޙަންމަދު ލަޠީފްއާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކޮށްފައިވާ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާއަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައިކުރެއްވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމަށް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަޙީދު ހުށަހަޅުއްވައި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރު ތާޢީދުކުރެއްވައި ހުށަހެޅުއްވި ހުށަހެޅުން ކޮމިޓީއަށް ވަޑައިގެން ޙާޟިރުވެވަޑައިގެންނެވި މެންބަރުންގެ ޢިއްތިފާޤުން ފާސްކުރެއްވިއެވެ.
މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވާ 2 މައްސަލައެއްވަނީ ފަހުގެ ދުވަހަކަށް ފަސްކުރައްވާފައެވެ. އެއީ ފަނޑިޔާރުންގެ ޤާނޫނަށް ހުށަހެޅިފައިވާ އިޞްލާހަކާއި، ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިއުފާ ދެއްވާފައިވާތީ، އެމެންބަރުގެ ބަދަލުގައި އެކޮމިޝަނަށް މެންބަރަކު ޢައްޔަންކުރުމަށްޓަކައި، ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު)ގެ 22 ވަނަ މާއްދާގެ (ށ) ގެ (1) އާއި (2) ގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށްވަޑައިގެންނެވި މެންބަރުންނަކީ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަޙީދުއެވެ.