މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 50 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 178 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ޖަވާބުދާރީވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ހުށަހެޅިފައިވާ މިމައްސަލައަކީ، ޕްރޮސެކިއުޓަރ ޖެނަލްގެ މަޤާމުގައި ހުންނެވި މ. ޑޯންޝައިން/ އަލްއުސްތާޛު އަޙްމަދު މުޢިއްޒަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ މުސްތަޤިއްލު ކޮމިޝަންތަކާއި، މުސްތަޤިއްލު މަޤާމުތައް ބަޔާންކޮށްފައިވާ 7 ވަނަ ބާބުގެ 220 ވަނަ މާއްދާގެ (ހ) ގައި ބުނާފަދަ ދިވެހިރާއްޖޭގައި ވަކިފަރާތަކަށް ބުރަނުވާ މުސްތަޤިއްލު ޕްރޮސެކިއުޓަރ ޖެނަލް އެއް ކަމަށް ނުވާކަމަށް ބަޔާންކޮށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އިތުބާރު ނެތްކަމުގެ ވޯޓެއްނެންގެވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 178 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅުއްވާފައިވާ މައްސަލައެކެވެ.
މިއަދުގެ ބައްދަލުވުމުގައި، ޕްރޮސިކިއުޓަރ ޖެނެރަލްވަނީ މިމައްސަލާގައި ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުޞަތެއް ނުލިބޭތީ، ޖަވާބުދާރީވުމަށް އިތުރު ފުރުޞަތަކަށްވަނީ އެދިވަޑައިގެންފައެވެ. އަދި މެންބަރުންގެ މެދުގައި މިކަމާގުޅިގެން އިތުރަށް މަޝްވަރާކުރެއްވުމަށްފަހު، 4 ނޮވެމްބަރ 2013 ވާ ހޯމަދުވަހު 14:00 އަށް ޕްރޮސެކިއުޓަރ ޖެނެރަލްއަށް އެމަނިކުފާނުގެ ދިފާޢުގައި ޖަވާބުދާރީވުމަށް ކޮމިޓީއަށް ވަޑައިގެން އެދި ދެންނެވުމަށް ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަޙީދު ހުށަހަޅުއްވައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރު ތާއީދުކުރެއްވި ހުށަހެޅުއްވުން ފާސްކުރެއްވިއެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށްވަޑައިގެންނެވި މެންބަރުންނަކީ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަޙީދު، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުއެވެ.