2014 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވައިފި

ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގެ ދަށުންނާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ހ) ގެ ދަށުން 2014 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދު މިއަދު މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

2014 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ މިއަދު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމްލަ އަކީ 16,410,803,668ރ (ސޯޅަ ބިލިއަން ހަތަރު ސަތޭކަ ދިހަ މިލިއަން އަށްސަތޭކަ ތިންހާސް ހަސަތޭކަ ފަސްދޮޅަސްއަށްރުފިޔާ) ކަމަށެވެ.

2014 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ޖުމްލަ ޚަރަދުގެގޮތުގައި ހުށަހަޅާފައިވާނީ 14.9 ބިލިއަން ރުފިޔާ އެވެ. އަދި 2014 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި ޚަރަދުވާނެކަމަށް ލަފާކޮށްފައިވަނީ 12 ބިލިއަން ރުފިޔާ އެވެ. މިއީ މުޅި ބަޖެޓުގެ 73 އިން ސައްތައެވެ.

2014 ވަނަ އަހަރު ދައުލަތުގެ ޖުމްލަ އާމްދަނީއާއި ހިލޭއެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 13.9 ބިލިއަން ރުފިޔާއެވެ. މީގެތެރޭގައި ޓެކްސްގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ 10.2 ބިލިއަން ރުފިޔާއާއި، ޓެކްސް ނޫން ގޮތްގޮތުން ލިބޭނެކަމަށް ލަފާކުރާ 3.5 ބިލިއަން ރުފިޔާ ހިމެނިފައިވެއެވެ. އަދި 13.9 ބިލިއަންގެ ތެރޭގައި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ ކަންތައްތަކުން ލިބޭނެކަމަށް ލަފާކުރާ 2.3 ބިލިއަން ރުފިޔާ ހިމެނިފައިވެއެވެ.

2014 ވަނަ އަހަރަށް ލަފާ ކުރެވޭ ބަޖެޓް ޑެފިސިޓަކީ 988 މިލިއަން ރުފިޔާއެވެ.  މިއީ ޖީޑީޕީގެ ނިސްބަތުން 2.5 އިން ސައްތައެވެ.

ޤާނޫނުއަސާސީގެ 96 (ހ) ވަނަ މާއްދާގައި ބަޔާންކުރަނީ ކޮންމެ މާލީ އަހަރެއް ފެށުމުގެކުރީން އެ އަހަރަށް ދައުލަތުން ހިނގާނެކަމަށް ލަފާކުރާ ޚަރަދާއި، ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް، އަދި ވޭތުވެދިޔަ މަލީއަހަރު ދައުލަތުން ހިނގި ޚަރަދާއި، ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު މިނިސްޓަރ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެކަމަށެވެ.

30 އޮކްޓޯބަރ 2013