ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 55 ވަނަ މާއްދާގެ (އ) އުނިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 55 ވަނަ މާއްދާގެ (އ) އުނިކުރުމަށް ހުށަހެޅިފައިވާ އިޞްލާޙާ ގުޅޭގޮތުން ޢާންމު ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.

މިގޮތަށް ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 39 މެންބަރުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 20 މެންބަރުން ވޯޓް ދެއްވާފައިވާއިރު 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއްނުވެއެވެ.

މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހެޅުއްވި މި އިޞްލާޙުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 55 ވަނަ މާއްދާގެ (އ) އުނިކުރުމަށްފަހު، އެމާއްދާގެ އަކުރުތައް ތަރުތީބު ކުރުމެވެ.

އުނިކުރެވުނު މާއްދާގައިވަނީ “އެއްވެސް ޖިނާޢީ ޙުކުމެއް މެންބަރެއްގެ މައްޗަށް އަތުވެއްޖެކަމަށްވާނަމަ، އެ ޙުކުމެއްގެ މުއްދަތުގައި މަޖިލީހަށް ހާޒިރުވުމާއި މަޖިލީހުގެ ޖަލްސާތަކުގައި ވޯޓް ދިނުމުގެ ޙައްޤު އޭނާ ދޫކޮށްލަންވާނެއެވެ.”

އިޞްލާޙް ހުށަހަޅާ ސަބަބުކަމަށް ބަޔާންކޮށްފައިވަނީ “ޤާނޫނުއަސާސީ އާއި ޤާނޫނުން ކޮންމެ މީހަކަށްވެސް ޝަރުޢީ ތިން މަރުހަލާ ކަޑަތުކުރުމުގެ ޙައްޤު ލިބިގެންވާހިނދު، އިސްތިއުނާފުގެ މަރުހަލާ، ކަޑަތުކުރުމުގެ ޙައްޤަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވެސް ގެއްލިގެންވާނޭ ހައްޤަކަށް ނުވާނެތީވެ، އިސްތިއުނާފުގެ އެންމެ ފަހުގެ މަރުހަލާ ނިމުމުން މެނުވީ މެންބަރުކަމުގެ ވާޖިބު އަދާކުރުމުން މަހުރޫމް ނުކުރެވޭނެއެވެ.” ކަމުގައެވެ.

މިއަދުގެ ޖަލްސާ ރިޔާޞަތުން ނިންމަވާލެއްވީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާކުރެއްވުމަށްފަހު އަންނަ ހަފްތާގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ގަސްދުކުރެވިފައިނުވާކަމަށާއި ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ދުވަހެއް ފަހުން އިޢުލާން ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

30 އޮކްޓޯބަރ 2013