2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭގަނޑު 12:00 ވާއިރު 2013 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުން އައު ރައީސުލްޖުމްހޫރިއްޔާއެއް އިންތިޚާބުވެފައި ނުވާނަމަ ޢަމަލު ކުރާނެ ގޮތް ކަމުގައި މަޖިލީހުން ފާސްކުރެއްވިގޮތް ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަންގަވައިފި

2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭގަނޑު 12:00 ވާއިރު 2013 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުން އައު ރައީސުލްޖުމްހޫރިއްޔާއެއް އިންތިޚާބުވެފައި ނުވާނަމަ ކަން ކުރާނެ ގޮތް ރައްޔިތުންގެ މަޖިލީހުން ނިންމުމަށް ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން 23 އޮކްޓޯބަރ 2013 ގައި ފޮނުއްވި ސިޓީއިން އަންގަވާފައިވާތީ، އެ މައްސަލަ 27 އޮކްޓޯބަރ 2013 ވީ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ގައި އޮތް 2013 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 6 ވަނަ ޖަލްސާއަށް ހުށަހެޅުއްވުމުން އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ގޮތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަހީދު ޙަސަން މަނިކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އަންގަވައިފިއެވެ.

މަޖިލީހުގެ ރައީސް ފޮނުއްވި ސިޓީގައި މަޖިލީހުން ފާސްކުރެއްވި ހުށަހެޅުއްވުން ވަނީ ހިމަނުއްވާފައެވެ. އެގޮތުން އެހުށަހެޅުމުގައިވަނީ ” (ހ)  ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އަލުން މީހަކު އިންތިޚާބުކުރެވެންދެން އެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެކަމާ ޙަވާލުވެވެން ނެތްނަމަ އެކަމާ ޙަވާލުވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސަށް އެކަމާ ޙަވާލުވެވެން ނެތްނަމަ އެކަމާ ޙަވާލުވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކުން ހޮވާ އެ މަޖިލީހުގެ މެންބަރެކެވެ.

(ށ)  މިގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ޙަވާލުވެވޭނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުކުރެވޭ މީހެއްގައި ހުންނަންވާނެކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ މީހަކަށެވެ.

(ނ)  މި އުސޫލުގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތް ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާއި ޙަވާލުވާތާ ގިނަވެގެން 21 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އަދި ޤާނޫނުއަސާސީގެ 111 ވަނަ މާއްދާގައިވާ ޙާލަތުގައި އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަންޖެހިއްޖެނަމަ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބާއްވައި، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް މީހަކު އިންތިޚާބުކޮށް ނިންމަންވާނެއެވެ.

(ރ)  މި އުސޫލުގެ (ނ) ގައި ބަޔާންކޮށްފައިވާ އިންތިޚާބު ބާއްވައި، އެ އިންތިޚާބުގެ ރަސްމީ ނަތީޖާ ޤާނޫނު ނަންބަރު 2008/12 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް އިޢުލާނުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ވަގުތުން ފެށިގެން ގިނަވެގެން 18 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމަށް ކަނޑައަޅާފައިވާ މީހަކު ޤާނޫނުއަސާސީގެ 114 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް މަޤާމުގެ ހުވައިކުރަންވާނެއެވެ.

(ބ)  ޤާނޫނުއަސާސީއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ހުރިހާ ބާރެއް ވަގުތީ ގޮތުން ހަވާލުވާ ފަރާތަކަށް ލިބިގެންވެއެވެ.” އެވެ.

މިހުށަހެޅުން މަޖިލީހުން ފާސްކުރައްވާފައިވަނީ އެވަގުތު ޖަލްސާއަށް ހަޟިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 39 މެންބަރުންގެ އިއްތިފާޤުންކަމުގައިވެސް މަޖިލީހުގެ ރައީސް ސިޓީގައި ވިދާޅުވެފައިވެއެވެ.

29 އޮކްޓޯބަރ 2013