އެސް.ޓީ.އޯ ޕލކ އާއި މެރީޑިއަމް ކުންފުންޏާއި ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރއާ މާލިއްޔަތު ކޮމިޓީން މިއަދުގެ ބައްދަލުކުރައްވައިފި

މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 48 ވަނަ ބައްދަލުވުމުގައި،  އެސް.ޓީ.އޯ ޕލކ އާއި މެރީޑިއަމް ކުންފުންޏާއި ދެމެދު 17 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތެލުގެ ވިޔަފާރި އާއި ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެސް.ޓީ.އޯ ޕލކ ގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޝާހިދު ޢަލީ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިމައްސަލައާގުޅޭގޮތުން އެސް.ޓީ.އޯ ޕލކ ގައި ހުރި ލިޔެކިޔުންތައް މިރޭ 10:00 ގެ ކުރިން ފޮނުއްވައިދެއްވުމަށް އެސް.ޓީ.އޯ ޕލކ ގެ މެނޭޖިންގ ޑިރެކްޓަރ އަރިހުން ކޮމިޓީގެ މުޤައްރިރު އެދިވަޑައިގެންނެވިއެވެ.

މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު އަދި މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާދިލްއެވެ.