ބަންޑާރަނައިބު އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރުގެ އިތުބާރު ނެތްކަމަށް ފާސްކޮށްފިކަން ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަންގަވައިފި

ބަންޑާރަނައިބު އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރުގެ އިތުބާރު ނެތްކަމަށް ފާސްކޮށްފިކަން ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އަންގަވައިފިއެވެ.

މިކަން އެންގެވީ މިއަދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަން މަނިކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ފޮނުއްވި ސިޓީއަކުންނެވެ.

މަޖިލީހުގެ ރައީސް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ 26 މެންބަރަކު ސޮއިކުރައްވައި، އެޓަރނީ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ހުށަހަޅުއްވާފައިވާ އިތުބާރުނެތްކަމުގެ މައްސަލަ، 29 އޮކްޓޯބަރ 2013 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ 2013 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 8 ވަނަ ޖަލްސާއަށް ހުށަހަޅައި، އެޖަލްސާގައި ބަހުސްކުރެއްވުމަށްފަހު އެޓަރނީ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރުގެ އިތުބާރުނެތްކަމުގެ މައްސަލައަށް ވޯޓަށް އެހުމުން، އެވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުންގެ ތެރެއިން 41 މެންބަރުންގެ އަޣުލަބިއްޔަތުންވަނީ އެޓަރނީ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރުގެ އިތުބާރުނެތްކަމަށް ފާސްކުރައްވާފައިކަމުގައެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ރ) ގެ ގައި ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފިނަމަ އެމެންބަރަކު އޭނާގެ މަޤާމުން ވަކިވީ ކަމަށް ބުނެފައިވާތީ މިވާހަކަ ދެންނެވީކަމުގައެވެ.

29 އޮކްޓޯބަރ 2013