މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 49 ވަނަ ބައްދަލުވުމުގައި، މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު މަޤާމް ތަކުގައި ތިބޭ ފަރާތްތަކާއި ދެކޮޅަށް ހުށަހެޅޭ އިތުބާރު ނެތްކަމުގެ މައްސަލަތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގައި ކުރިއަށް ގެންދިއުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތުތައް ކަނޑައެޅުމާމެދު މަޝްވަރާކުރައްވައިފިއެވެ.
މިގޮތުން މިއަދުގެ ބައްދަލުވުމުގައި މިމައްސަލައާގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށްފަހު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ހުށަހަޅުއްވައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، ތާޢިދުކުރެއްވި ހުށަހެޅުއްވުމަށް ވޯޓަށް އައްސަވައި އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވަޑައިގެން ތިއްބެވި 5 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރެއްވިއެވެ. މިހުށަހެޅުމަކީ މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު މަޤާމުތަކުގައި ތިބޭ ފަރާތްތައް މަޤާމުން ވަކިކުރުމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅިއްޖެނަމަ، އެއްމައްސަލައެއް ރައްދުވާ ފަރާތަށް އެކަން އަންގާ، އެމައްސަލައެއްގައި ލިޔުމުންނާއި އަނގަބަހުން ޖަވާބުދާރީވުމަށް އެފަރާތަކަށް ފުރުޞަތެއް ދިނުމަށާއި، އެގޮތުން ޖަވާބުދާރީވުމަށް ކޮމިޓީއަށް ވަޑައިގަންނަވާ ބައްދަލުވުމުގައި، އެމައްސަލައެއް ރައްދުވާ ފަރާތަކަށް ވަކީލަކާއެކު ވަޑައިގެން ޖަވާބުދާރީވުމުގެ ފުރުޞަތު އޮތްކަމާއި، އަދި އެބައްދަލުވުމަށްފަހު ކޮމިޓީން ހޯދާހޯދުންތަކުގެ މައްޗަށް ބިނާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އެފަރާތެއްގެ އިތުބާރުނެތްކަމުގެ މައްސަލަ ކޮމިޓީން ފާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅުމަށާއި އަދި މިގޮތަށް އިޞްލާޙެއްގެ ގޮތުގައި ކޮމިޓީގެ ގަވާއިދަށް އެ އިސްލާހު ހުށަހެޅުމަށެވެ.
މީގެއިތުރުން، މިއަދުގެ ބައްދަލުވުމުގައިވަނީ ޕްރޮސެކިއުޓަރ ޖެނަލްގެ މަޤާމުގައި ހުންނެވި މ. ޑޯންޝައިން/ އަލްއުސްތާޛު އަޙްމަދު މުޢިއްޒު މަޤާމުން ވަކުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 178 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން، ޖަވާބުދާރީވުމަށް 31 އޮކްޓޯބަރ 2013 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި އޮންނަ މިނިވަން މުއައްސަސާކޮމިޓީއަށް ވަޑައިގެންދެއްވުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްއަށް ދެންނެވުމަށް އެދި ނިންމަވާފައެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށްވަޑައިގެންނެވި މެންބަރުންނަކީ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަޙީދުއެވެ.
29 އޮކްޓޯބަރ 2013