ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް ހުށަހަޅުއްވާފައިވާ، ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލުން މަނާކުރުމުގެ ބިލު ބަލައިގަންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.
މިބިލު ބަލައިގަނެފައިވަނީ ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް 30 މެންބަރުން އަދި ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 30 މެންބަރުން ވޯޓް ދެއްވައި ހަމަހަމަވުމުން ޤާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ނ) ގައި ވާގޮތުގެ މަތިން ރިޔާސަތުން މިބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވުމާގުޅިގެންނެވެ. މިބިލު ބަލައިގަތުމާއިގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާގޮތުގެމަތީން ދިރާސާކުރެއްވުމަށް ވަނީ އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވިފައެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 66/1 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ޗެޕްޓަރ 3) އަށް އިޞްލާޙު ގެނައުމުގެ ބިލާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 68/10 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ޗެޕްޓަރ 4) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވެއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 30 އޮކްޓޯބަރ 2013 ވާ ބުދަދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.
29 އޮކްޓޯބަރ 2013