ސާރޖެންޓް-އެޓް-އާމްސްގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންނާ ޢާންމު ކޮމިޓީން އިންޓަވިއުކޮށް ނިންމައިފި

މިރޭ ބޭއްވުނު ޢާންމު ކޮމިޓީގެ 25 ވަނަ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސާރޖެންޓް-އެޓް-އާމްސް މަޤާމަށް ބޭފުޅަކު ޢައްޔަން ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. އެކަމަށްޓަކައި ބޭއްވުނު އިންޓަވިއުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެ ކޮމިޓީގެ ސަބް-ކޮމިޓީގެ އިންޓަވިއު ޕެނަލްއަކުންނެވެ. ސަބް ކޮމިޓީގެ މަސައްކަތް ނިންމައި ރިޕޯޓު މައި ކޮމިޓީއަށް ހުށަހެޅުއްވުމުން އެ ރިޕޯޓަށް މައިކޮމިޓީން ވަނީ ތާއިދުކޮށްފައެވެ.

އެ ރިޕޯޓުގައިވާގޮތުން، ސާޖަންޓް-އެޓް-އާމްސްގެ މަޤާމަށް ކުރިމަތިލައްވައި ސިޓީ ފޮނުއްވާފައި ވަނީ 09 ފަރާތްތަކުންނެވެ. އޭގެތެރެއިން އިންޓަވިއުއަށް ވަޑައިގެންފައިވަނީ ޖުމްލަ 07 ބޭފުޅުންނެވެ. މި 07 ބޭފުޅުންގެ ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް އިންޓަވިއު ޕެނަލްއިން ރިޢާޔަތްކުރިއިރު، މަޖިލީހުގެ އިދާރާއިން ކުރި އިޢުލާނުގައިވާ ޝަރުޠު ހަމަވަނީ ޖުމްލަ 03 ބޭފުޅުންނެވެ.

މިބައްދަލުވުމުގައި، ދެންނެވުނު ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު މައި ކޮމިޓީން ނިންމަވާފައިވަނީ ސަބް ކޮމިޓީން އިންޓަވިއުގައި މާކްސް ދެއްވާފައިވާ ތަރުތީބުން އެ މަޤާމަށް ބޭފުޅަކު އައްޔަންކުރުމަށް މަޖިލީހުން ގޮތެއް ނިންމެވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 94 ވަނަ މާއްދާގެ (ދ) ގެ ދަށުން މަޖިލީހުގެ ރައީސަށް ލަފާއެރުވުމަށެވެ.

މީގެއިތުރުން، ސާޖަންޓް-އެޓް އާމްސް ގެ މަޤާމުގެ މަސައްކަތުގެ އޮނިގަނޑެއް ތައްޔާރުކުރުމަށްޓަކައި ޢާންމު ކޮމިޓީގެ ކުޑަކޮމިޓީއަކާއި އެމަސައްކަތް ހަވާލުކުރުމަށް މިރޭގެ ބައްދަލުވުމުގައި ނިންމަވާފައިވެއެވެ.

މިރޭގެ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީއެވެ.

28 އޮކްޓޯބަރ 2013