މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 48 ވަނަ ބައްދަލުވުން ބާއްވައިފި

މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 48 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން، އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާ ގުޅޭގޮތުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 3 މެންބަރުން ސޮއިކުރައްވާ ފޮނުއްވާފައިވާ ޝަކުވާގެ މައްސަލަ އަލުން ކޮމިޓީގައި އެޖެންޑާކޮށް ކުރިއަށް ގެންދެވުމަށް ނިންމެވިއެވެ. އަދި، މި މައްސަލައާމެދެ ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު، ހުޅުވާލި ފުރުސަތުގައި ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވައި، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުޙުސިން ހަމީދު ތާއިދު ކުރައްވާފައިވަނީ މި މައްސަލަ ކޮމިޓީން ކުރިއަށް ގެންދިއުމަށާއި، އިލެކްޝަން ކޮމިޝަންގެ 4 މެންބަރުންގެ ޝަރުތު ހަމަނުވާކަމަށް ކަނޑައެޅުމަށް ފެންނަކަމަށް ފާސްކުރެއްވުމަށެވެ. ނަމަވެސް، މިހުށަހެޅުމަށް ވޯޓަށް އެއްސެވުމުން، އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން، ފެންނަކަމަށް ވޯޓުދެއްވާފައިވަނީ 4 މެންބަރުންނެވެ. އަދި ނުފެންނަކަމަށް ވޯޓުދެއްވާފައިވަނީ 5 މެންބަރުންނެވެ. އެހެންކަމުން މި ހުށަހެޅުންވަނީ ފާސްނުވެފައެވެ.

މީގެއިތުރުން،  މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ހުށަހެޅުން ފާސްނުވުމުން ދެވަނައަށް ވޯޓަށް އައްސަވާފައިވަނީ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވައި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ތާޢިދުކުރެއްވި ހުށަހެޅުމަށެވެ. މި ހުށަހެޅުމަކީ، 7 ސެޕްޓެމްބަރ 2013 ގައި ބޭއްވުނު އިންތިޚާބަކީ ވަރަށް ފުރިހަމައަށް ދެފުން ފެންނަގޮތަށް ބާއްވާފައިވާ އިންތިޚާބެއްކަމަށާއި، އަދި އިލެކްޝަން ކޮމިޝަންގެ މެންބަރުންގެ ކިބައިގައި ހުރުން ލާޒިމުވާ ސިފަތައް އެކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ތިއްބެވި ފުއާދު ތައުފީޤާއި، އަޙްމަދު ފަޔާޒް ޙަސަންއާއި، އަލީ މުހައްމަދު މަނިކު އަދި މުޙައްމަދު ފާރޫޤު  ކިބައިގައި ފުރިހަމަވާކަމަށާއި އެމެންބަރުންގެ މައްޗަށް ފުރިހަމަ އިތުބާރު އޮތްކަމަށް ހުށަހެޅިފައިވާ ހުށަހެޅުމެކެވެ. މިހުށަހެޅުއްވުންވަނީ ކޮމިޓީއަށް ހާޒިރުވެ އެވަގުތު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 5 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވާފައެވެ.

އެއަށްފަހު، ކޮމިޓީން ކުރިއަށް ގެންގޮސްފައިވަނީ ޕްރޮސެކިއުޓަރ ޖެނަލްގެ މަޤާމުގައި ހުންނެވި މ. ޑޯންޝައިން/ އަލްއުސްތާޛު އަޙްމަދު މުޢިއްޒަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ މުސްތަޤިއްލު ކޮމިޝަންތަކާއި، މުސްތަޤިއްލު މަޤާމުތައް ބަޔާންކޮށްފައިވާ 7 ވަނަ ބާބުގެ 220 ވަނަ މާއްދާގެ (ހ) ގައި ބުނާފަދަ  ދިވެހިރާއްޖޭގައި ވަކިފަރާތަކަށް ބުރަނުވާ މުސްތަޤިއްލު ޕްރޮސެކިއުޓަރ ޖެނަލް އަކަށް ނުވާކަމަށް ބަޔާންކޮށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އިތުބާރު ނެތްކަމުގެ ވޯޓެއްނެގެވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 178 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅުއްވާފައިވާ މައްސަލައެވެ. އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވުމާއެކު، ކޮމިޓީގެ ބައްދަލުވުން، ސިއްރު ބައްދަލުވުމެއްގެގޮތުގައި ކުރިއަށް ގެންދެވުމަށް ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަޙީދު ހުށަހަޅުއްވައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލް ޣަފޫރު ތާއިދު ކުރެއްވިއެވެ. އަދި އެ ހުށަހެޅުންވަނީ ކޮމިޓީއަށް އެވަގުތުވަޑައިގެންނެވި މެންބަރުން އިއްތިފާގުން ފާސްކުރައްވާފައެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށްވަޑައިގެންނެވި މެންބަރުންނަކީ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ އާރިފް، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުޙުސިން ޙަމީދު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަޙީދުއެވެ.

28 އޮކްޓޯބަރ 2013