ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު އަބްދުލްޣަފޫރުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުން 28 އޮކްޓޯބަރ 2013 ވާ ހޯމަ ދުވަހުގެ 9:00 އަށް އެ މެންބަރު ކްރިމިނަލް ކޯޓަށް ހާޟިރުކޮށްދެއްވުމަށް އެދިވަޑައިގެން އެކޯޓުގެ ނަންބަރު 1031/2013/1-145 އަމުރުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަމުރުކުރައްވާފައިވާކަމަށާއި، ނަމަވެސް އެ މެންބަރު ހުންނެވީ ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ކަމަށްވާތީ، މޯލްޑިްވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުން 28 އޮކްޓޯބަރ 2013 ވާ ހޯމަ ދުވަހުގެ 9:00 އަށް އެ މެންބަރު ކްރިމިނަލް ކޯޓަށް ހާޟިރުކޮށްދެވޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދިވަޑައިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފޮނުއްވި ސިޓީ ނަންބަރު 80/2013/57/14-171 (27 އޮކްޓޯބަރ 2013) އަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިއްޔެ ޖަވާބުދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފޮނުއްވި ސިޓީ ނަންބަރު 57-J/171/2013/85 (27 އޮކްޓޯބަރ 2013)ގައި ބަޔާންކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ނުވަތަ މަޖިލީހުގެ ރަސްމީ މަސައްކަތަކަށް ހުރަސްއެޅޭފަދަ ގޮތަށް، ޝަރުޢީ ކޯޓަކަށް ނުވަތަ އެހެންވެސް މުއައްސަސާއަކަށް މެންބަރަކު ހާޟިރުކޮށްގެންނުވާނެކަމަށް ޤާނޫނު ނަންބަރު 2013/5 (ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާކަމަށެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުން 28 އޮކްޓޯބަރ 2013 ވާ ހޯމަ ދުވަހުގެ 9:00 އަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާ މެންބަރު ޙާމިދު އަބްދުލްޣަފޫރު ކްރިމިނަލް ކޯޓަށް ހާޟިރުކޮށްދެއްވުމުގެ އަމުރެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ނެރުއްވާފައިވާކަމަށް ބަޔާންކުރައްވާފައިވާއިރު، 28 އޮކްޓޯބަރ 2013 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަރީޢަތުގެ އަޑުއެހުން ފެށުމަށް ތާވަލްކޮށްފައިވާ ގަޑިއަކީ ރައްޔިތުންގެ މަޖިލީހުގެ 2013 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 7 ވަނަ ޖަލްސާ ފެށުމަށް ހަމަޖެހިފައިވާ ގަޑިކަމުގައި ސިޓީގައި ބަޔާންކުރައްވާފައިވެއެވެ. އަދި، އެ ގަޑިއަކީ، 2013 ވަނަ އަހަރުގެ މެއި މަހު އިންތިޚާބުކުރެވުނު 17 ވަނަ ރައްޔިތުންގެ މަޖިލިސް ފެށުނީއްސުރު، ޢާންމު އުޞޫލުން ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ޖަލްސާއެއްވެސް ފެށުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ގަޑިކަމުގައިވެސް ސިޓީގައިވެއެވެ.
ސިޓީ ނިންމަވާލައްވަމުން ބަޔާންކުރައްވާފައިވަނީ ޤާނޫނު ނަންބަރު 2013/5 (ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) އަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސްވެރިޔާއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށްވީހިނދު، ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް ޢަމަލުކުރައްވަންޖެހެނީ އެ ޤާނޫނާއި، ޤާނޫނުއަސާސީއާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން އެ ޤާނޫނުގެ ގެ 27 ވަނަ މާއްދާގެ (ހ) އިން ވަރަށް ސާފުކޮށް އެންގޭކަމަށެވެ. އަދި އެ ޤާނޫނާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށާއި، މަޖިލީހުގެ ޤަދަރަށާއި، މަޖިލީހުގެ މަސައްކަތަށް އުނިކަމެއް ލިބިދެވޭފަދަ ގޮތަކަށް ނުވަތަ ހުރަހެއް އެޅޭފަދަ ގޮތަކަށް ކުރާ ކޮންމެ ޢަމަލަކީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އުނިކަމެއް ލިބިދިނުންކަމުގައި ބެލެވޭނެ ޢަމަލެއްކަމެއްވާއިރު، އެފަދަ ކޮންމެ ޢަމަލަކީ ޤާނޫނު ނަންބަރު 2013/5 ގެ ދަށުން ޤާނޫނީ ފިޔަވަޅު އެޅޭނެ ޢަމަލެއްކަމުގައި އެ ޤާނޫނުގެ 29 ވަނަ މާއްދާއަށް ރިޢާޔަތްކުރުމުން އެނގޭ ވާހަކަ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.
28 އޮކްޓޯބަރ 2013