ބަންޑާރަނައިބު އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ ޖަލްސާގައި އޮންނާނެ

ބަންޑާރަނައިބު އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާ ކުރާނޭކަން އެކަމަނާއަށް ދަންނަވައިފިއެވެ.

މިމައްސަލަ ކުރިން ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަދު 28 އޮކްޓޯބަރ 2013 ގައެވެ. ނަމަވެސް ބަންޑާރަނައިބު އާލާސްކަންފުޅާ އުޅުއްވާކަން ލިޔުމުން އެންގެވުމުން އެމައްސަލަ 29 އޮކްޓޯބަރ 2013 ވާ އަންގާރަ ދުވަހަށް އެޖެންޑާކުރާނެ ކަން އެކަމަނާއަށް ވަނީ މަޖިލީހުގެ އިދާރާއިން އަންގަވާފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ށ) ގައި އެފަދަ މައްސަލައެއްގެ ބަހުސް ފެށުމުގެ 14 ދުވަސްކުރިން ވަޒީރުންގެ މަޖިލީހުގެ އެމެންބަރަކަށް އަންގަވާނެކަމުގައި ބަޔާންކުރުމަށްފަހު އެމައްސަލައިގެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އެމެންބަރަކަށް އެމެންބަރެއްގެ ދިފާޢުގައި މަސައްކަތް ކުރުމުގެ ޙައްޤު ލިބިދީފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ހަމަޖެހިފައިވާ އުޞޫލުން ކުރިއަށް ގެންދެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ ގޮތުން ކަމުގައި ދެކެވަޑައިގަންނަވާކަމުގައި މަޖިލީހުގެ އިދާރާއިން މިއަދު ބަންޑާރަނައިބަށް ފޮނުއްވި ސިޓީގައި ލިޔުއްވާފައިވެއެވެ.

28 އޮކްޓޯބަރ 2013