މިއަދު ބޭއްވުނު ޢާންމު ކޮމިޓީގެ 23 ވަނަ ބައްދަލުވުމުގައި، ކޮމިޓީގެ ކުރީގެ މުޤައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ އަބްދުއްރަޙީމް ނިސްބަތްވެ ވަޑައިގަންނަވާ ސިޔާސީ ޕާޓީ ބަދަލުވުމާގުޅިގެން ކޮމިޓީގެ މެންބަރުކަމުގެ ޙައިސިއްޔަތު ގެއްލުނުހިނދު، ޢާންމު ކޮމިޓީގެ މުޤައްރިރުކަމުގެ މަޤާމު ހުސްވެފައިވަތީވެ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 120 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވެވުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ. މިގޮތުން ކޮމިޓީގެ މުޤައްރިރުކަމަށް ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު އެމަޤާމަށް އިންތިޚާބުވެ ވަޑައިގެންނެވީ، އެވަގުތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 6 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އަދި ނައިބު މުޤައްރިރުކަމަށް މާވަށު ދާއިރާގެ މެންބަރު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އެމަޤާމަށް ހޮވިވަޑައިގެންނެވީ އެވަގުތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 8 މެންބަރުން ފެންނަކަމަށް ވޯޓުދެއްވައިގެންނެވެ.
ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް ހޮވިވަޑައިގަތުމުން، ކޮމިޓީއާއި މުޙާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޢާންމު ކޮމިޓީގައި މިހާރު ހުރި މަސައްކަތްތަކުގެ ތާވަލު ދިރާސާކުރުމަށްފަހު ކޮމިޓީގެ މަސައްކަތްތައް އަވަސްކޮށް ނިންމުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްކުރައްވަންޖެހޭ ކަމަށާއި، މަސައްކަތް ފަށައިގަތުމުގެ ގޮތުން މިއަދުގެ ވަގުތެއްގައި ކޮމިޓިގެ ބައްދަލުވުމެއް ބާއްވަވާނެކަމަށެވެ.
މިއަދު ބޭއްވުނު ޢާންމު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރުއެވެ.
28 އޮކްޓޯބަރ 2013