2008 ވަނަ އަހަރު ފެށުނު ރިޔާސީ ދައުރު ނިމުމަކަށް އަންނައިރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް މީހަކު އިންތިޚާބުނުކުރެވިއްޖެނަމަ އިންތިޤާލީގޮތުން ޢަމަލުކުރާނެގޮތުގެ އުސޫލާއި ގުޅޭގޮތުން ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙު ހުށަހެޅުއްވި ހުށަހެޅުން ފާސްކުރައްވައިފި

Abdulla Shahid2008 ވަނަ އަހަރު ފެށުނު ރިޔާސީ ދައުރު ނިމުމަކަށް އަންނައިރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް މީހަކު އިންތިޚާބުނުކުރެވިއްޖެނަމަ އިންތިޤާލީގޮތުން ޢަމަލުކުރާނެގޮތުގެ އުސޫލާއި ގުޅޭގޮތުން ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙު ހުށަހަޅުއްވައި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ތާއީދުކުރެއްވި ހުށަހެޅުން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.

މި އިޞްލާޙް ހުށަހަޅުއްވާފައިވަނީ މިހާރު އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖައްސަވާފައިވާ ތާރީޚުތަކުގައި އިންތިޚާބު ބާއްވަވާނަމަ، 11 ނޮވެމްބަރ 2008 ގައި ފެށުނު ރިޔާސީ ދައުރު ހަމަވާއިރު، ޤާނޫނުއަސާސީގެ 111 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިޚާބުކޮށްފައިވާ ރައީސަކު ނެތުމުގެ ފުރުސަތު އޮތްކަމަށާއި، އަދި މިޙާލަތަކީ ޤާނޫނީ މައްސަލަތަކެއް ދިމާވާނެ ޙާލަތެއްކަމަށާއި، އަދި މި މައްސަލަތައް ޙައްލުކުރުން އެންމެ އެކަށީގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ދެކެވަޑައިގަންނަވާކަމަށާއި، މި މައްސަލަތަކަށް ޙައްލު ހޯއްދެވުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން އިސް ނަންގަވައިގެން ކުރިއަށް ގެންގޮސްދެއްވުން އެދިވަޑައިގެން 23 އޮކްޓޯބަރ 2013 ވީ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ އާ ގުޅޭގޮތުންނެވެ.

ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙު ހުށަހެޅުއްވި ހުށަހެޅުމަކީ “2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭގަނޑު 12:00 ވާއިރު 2013 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޙާބުން އައު ރައީސުލްޖުމްހޫރިއްޔާއެއް އިންތިޚާބުވެފައި ނުވާނަމަ ކަން ކުރާނެ ގޮތް މި މަޖިލީހުން ނިންމުމަށް ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން 23 އޮކްޓޯބަރ 2013 ގައި ފޮނުއްވި ސިޓީއިން އަންގަވާފައިވާތީ، މި ޙާލަތުގައި ކަންކުރާނެ އުސޫލު ތިރީގައި މިވަނީއެވެ.

(ހ)  ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އަލުން މީހަކު އިންތިޚާބުކުރެވެންދެން އެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެކަމާ ޙަވާލުވެވެން ނެތްނަމަ އެކަމާ ޙަވާލުވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސަށް އެކަމާ ޙަވާލުވެވެން ނެތްނަމަ އެކަމާ ޙަވާލުވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކުން ހޮވާ އެ މަޖިލީހުގެ މެންބަރެކެވެ.

(ށ)  މިގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ޙަވާލުވެވޭނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުކުރެވޭ މީހެއްގައި ހުންނަންވާނެކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ މީހަކަށެވެ.

(ނ)  މި އުސޫލުގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތް ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާއި ޙަވާލުވާތާ ގިނަވެގެން 21 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އަދި ޤާނޫނުއަސާސީގެ 111 ވަނަ މާއްދާގައިވާ ޙާލަތުގައި އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަންޖެހިއްޖެނަމަ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބާއްވައި، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް މީހަކު އިންތިޚާބުކޮށް ނިންމަންވާނެއެވެ.

(ރ)  މި އުސޫލުގެ (ނ) ގައި ބަޔާންކޮށްފައިވާ އިންތިޚާބު ބާއްވައި، އެ އިންތިޚާބުގެ ރަސްމީ ނަތީޖާ ޤާނޫނު ނަންބަރު 2008/12 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް އިޢުލާނުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ވަގުތުން ފެށިގެން ގިނަވެގެން 18 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމަށް ކަނޑައަޅާފައިވާ މީހަކު ޤާނޫނުއަސާސީގެ 114 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް މަޤާމުގެ ހުވައިކުރަންވާނެއެވެ.

(ބ)  ޤާނޫނުއަސާސީއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ހުރިހާ ބާރެއް ވަގުތީ ގޮތުން ހަވާލުވާ ފަރާތަކަށް ލިބިގެންވެއެވެ.”

މިހުށަހެޅުން ފާސްކުރައްވާފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 39 މެންބަރުންގެ އިއްތިފާޤުންނެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި މިހާރު އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖައްސަވާފައިވާ ތާރީޚުތަކުގައި އިންތިޚާބު ބާއްވަވާނަމަ، 11 ނޮވެމްބަރ 2008 ގައި ފެށުނު ރިޔާސީ ދައުރު ހަމަވާއިރު، ޤާނޫނުއަސާސީގެ 111 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިޚާބުކޮށްފައިވާ ރައީސަކު ނެތުމުގެ ފުރުސަތު އޮތްކަމަށާއި، އަދި މިޙާލަތަކީ ޤާނޫނީ މައްސަލަތަކެއް ދިމާވާނެ ޙާލަތެއްކަމަށާއި، އަދި މި މައްސަލަތައް ޙައްލުކުރުން އެންމެ އެކަށީގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ދެކެވަޑައިގަންނަވާކަމަށާއި، މި މައްސަލަތަކަށް ޙައްލު ހޯއްދެވުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން އިސް ނަންގަވައިގެން ކުރިއަށް ގެންގޮސްދެއްވުން އެދިވަޑައިގެން 23 އޮކްޓޯބަރ 2013 ވީ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ހުށަހަޅުއްވައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ތާއީދުކުރެއްވި ހުށަހެޅުން ކަމުގައިވާ “11 ނޮވެމްބަރ 2013 ވަނަ ދުވަހު އަލަށް އިންތިޚާބުވާ ރައީސްއެއް ނެތިދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ 23 އޮކްޓޯބަރ 2013 ގައި ފޮނުއްވި ސިޓީގައި ވިދާޅުވެފައިވާތީ، އެ އިންތިޤާލީ މަރުޚަލާއަށް ތައްޔާރުވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން އަވަސްކޮށް ނިންމަންޖެހޭކަމަށް މަޖިލީހުގެ ރައީސްއަށް ފެންނަ ކަންކަން ވާނަމަ އެކަންކަން ކޮށްނިންމުމުގެ އިޚްތިޔާރާއި ބާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ދެމެވެ.” ފާސްކުރައްވާފައިވެއެވެ.

މިހުށަހެޅުން ފާސްކުރައްވާފައިވަނީ 37 މެންބަރުންގެ އަޤްލަބިއްޔަތުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 2 މެންބަރުން ވޯޓް ދެއްވާފައިވާއިރު 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 28 އޮކްޓޯބަރ 2013 ވާ ހޯމަ ދުވަހު ހެނދުނު 09:00 ގައި މަޖިލީސް ކުރާގޭގައެވެ.

27 އޮކްޓޯބަރ 2013