ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓެވުމުގައި ޤާނޫނު އަސާސީއާއި ޤާނޫނުގެ އިމުގެ ތެރެއިން ޢަމަލުކުރެއްވުމަށް އަންގަވާ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު މިއަދު ސިޓީފުޅެއް ފޮނުއްވައިފިއެވެ.
އެސިޓީގައި ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލިސް ކުރާ ގެއަށް މަޖިލީހުގެ މެންބަރުންނާއި، މަޖިލީހުގެ ކޮމިޓީތަކަށް ޙާޟިރުކުރެވޭ ބޭފުޅުންނާއި، މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައް އަޑު އެހުމަށް ވަޑައިގަންނަވާ ބޭފުޅުން ވަޑައިގަތުމުން ޢަމަލުކުރަމުން މިހާތަނަށް ގޮސްފައިވަނީ ކަނޑައެޅިފައިވާ ވަކި އުސޫލްތަކެއްގެ ދަށުންކަމަށެވެ. އެހެން ނަމަވެސް މިއަދު ހެނދުނު މަޖިލިސް ކުރާ ގެއަށް މެދުހެންވޭރު ދާއިރާގެ މެންބަރުކަމުގައި ހުންނެވި އަލްފާޟިލް ޢަލީ އާޒިމް ވަޑައިގަތުމުން އިސްވެ ދެންނެވުނު އުސޫލުތަކުގެ ބޭރުން އޭނާ ހިފަހައްޓަވައި އޭނާ އާ މެދު ޢަމަލު ކުރައްވާފައިވާކަން ހިތާމައާއެކު ފާހަގަކުރައްވާކަމުގައެވެ.
އަދި އަލްފާޟިލް ޢަލީ އާޒިމް މަޖިލިސް ކުރާ ގޭގެ ތެރޭގައި ހުންނަވަނިކޮށް، އިސްވެ މަޖިލީހުގެ ރައީސަށް އެއްވެސް އިޝާރާތެއް ކުރެއްވުމެއްނެތި އެމް.އެން.ޑީ.އެފް ގެ ޔުނީފޯމްގަ ތިބި ގިނަ ޢަދަދެއްގެ ބަޔަކު ވަދެ ބާރުގެ ބޭނުންކޮށް، އޭނާ މަޖިލިސް ކުރާ ގެއިން ނެރެފައިވަނީ މިއަދު މިކަމުގައި ޢަމަލުކުރަންވީ ގޮތަކާމެދު މަޖިލީހުން ސިޓީއެއް ފޮނުވުމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވުމުން އެފަދަ ސިޓީއެއް ފޮނުވާފައިވެސް ވަނިކޮށްކަމަށެވެ.
މިއަދު، މަޖިލިސް ކުރާ ގޭގެ ތެރޭގައި އެމް.އެން.ޑީ.އެފް ގެ ފަރާތުން ހަރަކާތްތެރިވެފައިއެވަނީ ޤާނޫނު އަސާސީއާއި ޤާނޫނު ނަންބަރު 5/2013 ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ ދަށުން މަޖިލީހުގެ ރައީސްއަށް ލިބިފައިވާ ބާރުތަކާއި ޙައްޤުތައް ނިގުޅައި ގަނެވޭ ގޮތެއްގެ މަތީންކަމަށް ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.
ޤާނޫނު ނަންބަރު 5/2013 ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގެއާއި އެގޭގެ ގޯތިތެރެއާއި ރައްޔިތުންގެ މަޖިލީހުގެ ދަށުން ހިނގާ އެންމެހައި ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަނޑައަޅާ ގޮތުގެ މަތިން ދައުލަތުގެ ސަލާމަތީ ބާރުތަކުންކަމަށެވެ.