ނޫސް ބަޔާން

ސްޕްރީމް ކޯޓުގެ ޙުކުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ނިންމެވި ނިންމެވުމާއި ގުޅޭގޮތުން ނެރޭ ބަޔާން

24 އޮކްޓޯބަރ 2013 އިގަ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމާއި އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު ގެ މެންބަރުކަމުގެ ގޮނޑި ހުސްވެއްޖެކަމަށް ނިންމެވި ނިންމެވުމަކީ ޞައްޙަ ނިންމެވުމެއް ނޫންކަމަށާއި އެދެމެންބަރުންގެ ގޮނޑި ހުސްނުވެ ދެމިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން އެކޮމިޓީގެ 21 ވަނަ ބައްދަލުވުމުގައި ވަނީ ފާސްކުރައްވައިފައެވެ.

އެ ދެ މެންބަރުންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި، އެ މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުން ބޭއްވިތާ ގާތްގަނޑަކަށް އަހަރެއްވާން ކައިރިވެފައިވަނިކޮށް، އަވަސް އަރުވާލައިގެން، އެ ދެ ބޭފުޅުންގެ ޣައިރު ހާޟިރުގައި އެ މައްސަލައިގައި މިއަދު ޙުކުމް ކުރެއްވުމުން މި ފެނިގެންދަނީ، އަންނަ ހޯމަ ދުވަހު، ރައްޔިތުންގެ މަޖިލީހުގައި ވަޒީރެއްގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް އެޖެންޑާކުރެވިފައިވާތީ، އެކަމަށް ހުރަސްއެޅުމުގެ ގޮތުން، ވަރަށް ބޮޑަށް ސިޔާސީ ވިސްނުމެއްގައި ހިންގަވާފައިވާ ޢަމަލެއްގެގޮތުގައެވެ.

އަދި، އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރަކަށް، އެ މައްސަލައިގެ ބަޔާންތައް ލިބިވަޑައިގަތީ އިއްޔެގެ ވަގުތެއްގައިކަމުން، މައްސަލަ ދިރާސާކުރެއްވުމަށްފަހު އަންނަ ހަފްތާގެ ހޯމަ ދުވަހު ރަޢުޔު ތައްޔާރުކުރެއްވުމުގެ ފުރުޞަތަށް އެދިވަޑައިގަތުމުން، އެ ފުރުޞަތު ނުދެއްވައި، އެ މައްސަލައިގައި ޙުކުމް ކުރައްވާފައިވަނީ އެ ފަނޑިޔާރުގެ ރަޢުޔު ނެތިކަމުން، އެއީ ކަނޑައެޅިގެން ސުޕްރީމް ކޯޓުގެ އިޖުރާއާތުގެ ބޭރުން ކުރައްވާފައިވާ ޙުކުމެއްކަމަށް ފެނެއެވެ.

19 ޛުލްޙިއްޖާ 1434

24 އޮކްޓޯބަރ 2013