ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު ކޯޓަށް ހާޟިރުވެފައިނުވާތީކަމަށް ބަޔާންކޮށް، އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކޮށްދެއްވުމަށް އެދި ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރަކީ، ޤާނޫނާ ޚިލާފު ޢަމަލެއްކަމަށްވާތީ މި މައްސަލަ ބައްލަވައި ދެއްވުން އެދި އުއްތަމަފަނޑިޔާރު އަށް، މަޖިލީހުގެ ރައީސް ސިޓީފުޅެއް ފޮނުއްވައި

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު ކޯޓަށް ހާޟިރުވެފައިނުވާތީކަމަށް ބަޔާންކޮށް، އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކޮށްދެއްވުމަށް އެދި ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރަކީ، ޤާނޫނާ ޚިލާފު ޢަމަލެއްކަމަށްވާތީ މި މައްސަލަ ބައްލަވައި ދެއްވުން އެދި އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިނަށް، މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު މިއަދު ސިޓީފުޅެއް ފޮނުއްވައިފިއެވެ.

އެސިޓީގައި ބަޔާންކޮށްފައިވަނީ “ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/1023 ޤަޟިއްޔާއާ ޙަވާލާދީ ދަންނަވަމެވެ. ޙަވާލާދީ ޤަޟިއްޔާއިން ބައްލަވަމުން ގެންދަވާ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމަކަށް، 23 އޮކްޓޯބަރ 2013 ވީ އަންގާރަ ދުވަހުގެ 13:00 އަށް ކްރިމިނަލް ކޯޓަށް ހާޟިރުވުމަށް އަންގަވައި، ހ.ޝޭޑީ ކޯނަރ/ ޙާމިދުޢަބްދުލްޤަފޫރަށް އެ ކޯޓުން އަމުރެއް ޙަވާލުކުރެއްވުމާ ގުޅިގެން، ހ.ޝޭޑީ ކޯނަރ/ ޙާމިދު ޢަބްދުލްޤަފޫރަކީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރެއްކަމަށްވެފައި، ޤާނޫނު ނަންބަރު 2013/5 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގައި، “ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ނުވަތަ މަޖިލީހުގެ ރަސްމީ މަސައްކަތަށް ހުރަސްއެޅޭފަދަ ގޮތަކަށް، ޝަރުޢީ ކޯޓަކަށް ނުވަތަ އެހެންވެސް މުއައްސަސާއަކަށް މެންބަރަކު ހާޟިރުކޮށްގެންނުވާނެ” ކަމަށް ބަޔާންކޮށްފައިވާތީ، 23 އޮކްޓޯބަރ 2013 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަރީޢަތުގެ އަޑުއެހުން ފެށުމަށް ތާވަލްކޮށްފައިވާ ގަޑިއަކީ ރައްޔިތުންގެ މަޖިލީހުގެ 2013 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 5 ވަނަ ޖަލްސާ ކުރިއަށްދާނެ ގަޑިއެއްކަމުގައި، މި އިދާރާއިން 22 އޮކްޓޯބަރ 2013 ގައި ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީގައިވާނީ ދަންނަވާފައެވެ. އަދި، އިސްވެދެންނެވި ސަބަބު ބަޔާންކޮށް، 23 އޮކްޓޯބަރ 2013 ގައި އޮތް ޝަރީޢަތުގެ އަޑުއެހުމަށް ހާޟިރުވުމަށް އުޒުރުވެރިވާކަމަށް ބަޔާންކުރައްވައި، ހ.ޝޭޑީ ކޯނަރ/ ޙާމިދު ޢަބްދުލްޤަފޫރުގެ ފަރާތުންވެސް 22 އޮކްޓޯބަރ 2013 ގައި އެ ކޯޓަށް ސިޓީއެއްވަނީ ފޮނުއްވާފައެވެ.

      އެހެންނަމަވެސް، އިސްވެދެންނެވި ކަންކަންމުގެ މައްޗަށް ރިޢާޔަތްކުރެއްވުމެއް ނެތި، 23 އޮކްޓޯބަރ 2013 ގައި އޮތް ޝަރީޢަތުގެ އަޑުއެހުމަށް ޙާމިދު އަބްދުލްޤަފޫރު ޙާޟިރުވެފައިނުވާތީކަމަށް ބަޔާންކޮށް، އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކޮށްދެއްވުމަށް އެދި 23 އޮކްޓޯބަރ 2013 ގައި ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުންވަނީ އަމުރެއް ނެރުއްވާފައެވެ.

      އެހެންކަމުން، މިއަމަލަކީ ޤާނޫނު ނަންބަރު 2013/5 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) އާ ޚިލާފު ޢަމަލެއްކަމަށްވެފައި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށާއި، މަޖިލީހުގެ ޤަދަރަށާއި، މަޖިލީހުގެ މަސައްކަތަށް އުނިކަމެއް ލިބިދާފަދަ ނުވަތަ ހުރަހެއް އެޅިދާފަދަ ކޮންމެ ޢަމަލަކީ މަޖިލީހުގެ އިމްތިޔާޒަށް އުނިކަމެއް ލިބިދިނުން ކަމުގައި ބެލެވޭނެކެމެކެވެ. ވީމާ، ޝަރުޢީ ދާއިރާއަކީ ޤާނޫނުތައް ނަގަހައްޓައި ޢަދަލު އިންސާފު ޤާއިމްކުރުމުގެ އެންމެހައި ބާރުތައް ލިބިފައިވާ ފަރާތްކަމުގައިވީހިނދު، ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަކާ ޚިލާފަށް ޝަރުޢީ ދާއިރާއިން ޢަމަލުކޮށްފައިވާކަމީ އެކަމާ އަޅުގަނޑު ކަންބޮޑުވާކަމެއްކަމުން، މި މައްސަލަ މަނިކުފާނުގެ ސަމާލުކަމަށްޓަކައި ގެނެސް، މި މައްސަލަ ބައްލަވައި ދެއްވުން އެދި ދެންނެވީމެވެ.”

24 އޮކްޓޯބަރ 2013