ކްރިމިނަލް ކޯޓުގެ ނަންބަރު cr-c/1023/2013 ޤަޟިއްޔާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު ކްރިމިނަލް ކޯޓަށް 23 އޮކްޓޯބަރ 2013 ވީ ބުދަ ދުވަހުގެ 13:00 އަށް އެކޯޓަށް ހާޟިރުވުމަށް އަންގަވައި އެ މެންބަރަށް ކްރިމިނަލް ކޯޓުން ޗިޓު ފޮނުވުމާ ގުޅިގެން އެމެންބަރު ވަނީ އެކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސަމާލުކަމަށް ގެންނަވާފައެވެ. އެހެންކަމުން ކްރިމިނަލް ކޯޓަށް މެންބަރު ޙާމިދު ޢަބްދުލްޣަފޫރު ޙާޟިރުވެވަޑައިގަތުމަށް އަންގަވައި ކްރިމިނަލް ކޯޓުން ފޮނުއްވި ޗިޓުގައިވާ ތާރީޚާއި ގަޑިއަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ހިނގަމުންދާ ތާރީޚަކާއި ގަޑިއެއްކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ނަންބަރު 57-D/145/2013/17 ސިޓީން 22 އޮކްޓޯބަރ 2013 ގަ ކްރިމިނަލް ކޯޓުގައި ވާނީ ދަންނަވާފައެވެ. އަދި ހަމަ އެދުވަހު ކްރިމިނަލް ކޯޓުގެ އިސް ޤާޟީއަށް ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު ގުޅުއްވައި އިސްޤާޟީގެ ސަމާލުކަމަށް އެކަން ގެނެސްފައިވާކަމުގައިވެސް ދަންނަވަމެވެ.
ޤާނޫނު ނަންބަރު 5/2013 ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާކަމުގައިވާ، ބައެއް ވާޖިބުތައް އަދާކުރަން ނުޖެހުން މިމާއްދާގެ (ހ) ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ނުވަތަ މަޖިލީހުގެ ރަސްމީ މަސައްކަތަކަށް ހުރަސް އެޅޭފަދަ ގޮތަކަށް ޝަރުޢީ ކޯޓަކަށް ނުވަތަ އެހެންވެސް މުއައްސަސާއަކަށް މެންބަރަކު ޙާޒިރުކޮށްގެން ނުވާނެކަމުގައެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުން 23 އޮކްޓޯބަރ 2013 ވީ ބުދަ ދުވަހުގެ 13:00 އަށް އެކޯޓަށް ހާޟިރުވުމަށް އަންގަވައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރަށް ޗިޓު ފޮނުއްވާފައިވަނީ ޤާނޫނު ނަންބަރު 5/2013 ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމުގައި މިއިދާރާއިން ދެކެމެވެ.
19 ޛުލްޙިއްޖާ 1434
24 އޮކްޓޯބަރ 2013