މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ޑރ. މުޙަންމަދު ލަޠީފު އާއި ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާއަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައިކުރެއްވޭނެ އިންތިޒާމް ހަމަޖައްސަވައިނުދެއްވި ލަސްވަމުން ދާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 46 ވަނަ ބައްދަލުވުމުގައި، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުން ޢައްޔަންކޮށްފައިވާ ޑޮކްޓަރ މުޙަންމަދު ލަޠީފަށް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކޮށްފައިވާ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާއަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައިކުރެއްވޭނެ އިންތިޒާމް ހަމަޖައްސަވައިނުދެއްވި ލަސްވަމުން ދާ މައްސަލައާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިގޮތުން، މިމައްސަލައިގައި ކޮމިޓީން ދެއްކެވި ވާހަކަފުޅުތަކަށް ރިޢާޔަތްކޮށް، ރައްޔިތުންގެ މަޖިލީހުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްކަމަށް ޢައްޔަނުކުރަށްވާފައިވާ ޑރ. މުޙަންމަދު ލަޠީފުއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަނުކުރައްވާފައިވާ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާއަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 166 ވަނަ މާއްދާގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައިކުރުމުގެ މަސައްކަތްކުރިއަށް ނުގެންގޮސް، އެބޭފުޅުން އެކޮމިޝަނުގެ މެންބަރުކަމުގެ ދުސްތޫރީ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުޞަތުން މަޙުރޫމްވެފައިވަނިކޮށް، އެކޮމިޝަންގެ މެންބަރުކަމާ އެބޭފުޅުން ޙަވާލުވުމުގެ ކުރިން،  އެކޮމިޝަން އިން ކުރިއަށް ގެންދާ ބައްދަލުވުންތަކުން ނިންމާ ނިންމުންތަކަކީ ސައްޙަ ކަންތައްތަކެއް ކަމަށް ކޮމިޓީއަށް ފެނިވަޑައިނުގަންނަވާކަމަށް ފާހަގަކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ސިޓީއެއް ފޮނުއްވުމަށް އިހަވަންދޫ ދާއިރާގެ މެންބަރު އަޙުމަދު ޢަބްދުﷲ ހުށަހައްޅުއްވައި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ތާޢީދުކުރެއްވި ހުށަހަޅުންވަނީ ކޮމިޓީގައި އެވަގުތު ޙާޟިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކުރައްވާފައެވެ.

އަދި މީގެ އިތުރުން ފަނޑިޔާރުން ކޮމިޓީއަށް ޙާޟިރުވެ މަޢުލޫމާތު ބަދަލުކުރުމުގެ ޤާނޫނީ އިޙްތިޞާޞް ރައްޔިތުންގެ މަޖިލީހަށާއި ކޮމިޓީއަށް ލިބިގެންވާތީ، މިހާރު ދިވެހިރާއްޖެއަށް ދިމާވެފައިވާ “ކޮންސްޓިޓިއުޝަނަލް ކްރައިސިސް” އާ ބެހޭ ގޮތުން ޢިލްމީ ދިރާސާއެއްކުރުމަށްޓަކައި މަޢުލޫމާތު ހިއްސާކުރުމަށް ކޮމިޓީގެ ސިއްރު ބައްދަލުވުމަކަށް ވަޑައިގެންނެވުމަށް ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންނަށް އެދި ދެންނެވުމަށްވެސް ފާސްކުރައްވާފައިވެއެވެ.

އެއަށްފަހު، ކޮމިޓީގެ މަސްއޫލީއްޔަތު ދާއިރާގައި ހިމެނޭ ގިނަ މިނިވަން މުއައްސަސާތަކަކާއި މުސްތަޤިއްލު މަޤާމުތަކެއްވާތީ، އެފަރާތައް މަޖިލިސް ގަވާއިދުގެތެރެއިން ޖަވާބުތެރީކުރުމުގައި ޢަމަލުކުރާނެ ގޮތަކާމެދުވެސް މަޝްވަރާ ކުރެއްވިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ އާރިފް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުޙުސިން ޙަމީދު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަޙީދުއެވެ.