ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ ރައްޔިތުންގެ މަޖިލީހުން މިއަދު ޢައްޔަން ކުރައްވައިފި ކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުއްވި ސިޓީގައި އަންގަވައިފި

މިއަހަރުގެ ތިންވަނަ ދައުރުގެ ހަތަރުވަނަ ޖަލްސާގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ ޢައްޔަނުކުރައްވާފައިވާތީ މިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަހީދު ހަސަން އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ފޮނުއްވި ސިޓީގައި އަންގަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަހީދު ހަސަން އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައިވަނީ ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅުއްވާފައި ހުންނެވި މެންބަރުގެ މަޤާމު ހުސްވެފައިވާތީ، އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ ޢައްޔަންކުރެއްވުމަށް، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ ތެރެއިން 43 މެންބަރުންގެ އަޤްލަބިއްޔަތުން ފާސްކުރައްވާ އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ ޢައްޔަނުކުރައްވާފައިވާކަމުގައެވެ.

ޤާނޫނު އަސާސީގެ 166 ވަނަ މާއްދާ އަދި ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ ދަށުން ކޮމިޝަނުގެ މެންބަރަކަށް އެމީހެއްގެ މަޤާމާ ޙަވާލުވެވޭނީ ފަނޑިޔާރެއްގެ ކުރިމަތީގައި ހުވައިކޮށް، ހުވައިގެ އިޤްރާރުގައި ސޮއި ކުރުންކަމުގައި ބަޔާންކުރާތީ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާއަށް މަޤާމާހަވާލުވެވޭނީ މި ހުވައި ކުރުމަށްފަހުގައެވެ.

22 އޮކްޓޯބަރ 2013