ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ އައްޔަނު ކުރެއްވުމަށް މަޖިލީހުން ފާސްކުރައްވައިފި

Jalsa today (3)ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅުއްވާފައި ހުންނެވި މެންބަރުގެ މަޤާމު ހުސްވެފައިވާތީ، އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެ މަޤާމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ އައްޔަނު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.

ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ އައްޔަނު ކުރެއްވުމަށް ފާސްކުރައްވާފައިވަނީ 43 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އައްޔަނު ކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 27 މެންބަރުން ވޯޓް ދެއްވާފައިވާއިރު 1 މެންބަރަކު ވަކި ފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅުއްވާފައި ހުންނެވި މެންބަރުގެ މަޤާމު ހުސްވެފައިވާތީ، ޖުމްލަ ދެނަމެއް މިއަހަރުގެ 3 ވަނަ ދައުރުގެ 3 ވަނަ ޖަލްސާގައި ހުށަހެޅި ތާއީދު ލިބިފައިވެއެވެ. މިއަދު އެންމެ ފުރަތަމަ ވޯޓަށް އެއްސެވީ ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދުގެ ނަންފުޅެވެ. ނަމަވެސް އެނަންފުޅު ފާހެއްނުވިއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 23 އޮކްޓޯބަރ 2013 ވާ ބުދަ ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

22 އޮކްޓޯބަރ 2013