ސަލާމަތީޚިދުމަތްތަކާއި ބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން، ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ސަޢުދީއާ މިއަދު ބައްދަލުކުރައްވައިފި

 _CHR8209   19  އޮކްޓޯބަރ 2013، ގައި ބާއްވަން ހަމަޖެހިފައި އޮތް ރިޔާސީ އިންތިޚާބު ކެންސަލް ކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ނެރުއްވި ނޫސްބަޔާނާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ސަޢުދީއާ ސަލާމަތީޚިދުމަތްތަކާއި ބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މިއަދު ބައްދަލުކުރައްވައިފިއެވެ.

އަދި، ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، 19 އޮކްޓޯބަރ 2013 ގައި ބާއްވަން ހަމަޖެހިފައި އޮތް ރިޔާސީ އިންތިޚާބު ކެންސަލްވެފައިވަނީ، ފުލުހުން ހުރަސްއެޅުމުގެ ސަބަބުންކަމަށް އެކިއެކި މުވައްސަސާތަކަށް ތުހުމަތުކުރަމުންދާތީވެ އެކަމާ ގުޅޭގޮތުންވެސް ކޮމިޝަނަރ އޮފް ޕޮލިސް އަދި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ އަރިހުން މަޢުލޫމާތު ސާފުކުރައްވާފައިވެއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙަންމަދު ސާލިޙް، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙްމީ، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ހުޅު-ހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކް، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް އެވެ.