19 އޮކްޓޯބަރ 2013 ގައި ބާއްވަން ހަމަޖެހިފައި އޮތް ރިޔާސީ އިންތިޚާބު ބާޠިލް ކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނެރުއްވި ނޫސްބަޔާނާ ގުޅޭ މައްސަލައެއް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި މަޝްވަރާ ކުރައްވައިފި

މިއަދު، 19 އޮކްޓޯބަރ 2013، ގައި ބާއްވަން ހަމަޖެހިފައި އޮތް ރިޔާސީ އިންތިޚާބު ކެންސަލް ކުރުމާ ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޞިލް އަބްދުﷲ ޝާހިދު ނެރުއްވި ނޫސްބަޔާނާ ގުޅިގެން،  ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވަވައިފިއެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށްފަހު ކޮމިޓީން ނިންމެވީ، މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން އިންތިޚާބާ ގުޅިގެން ކަނޑައަޅާފައި ހުންނަވާ އެންމެ އިސް ފަރާތްކަމަށްވާ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައޫދީ އާއި ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ކޮމިޓީގެ ބައްދަލުވުމަށް މިއަދު 18:00 ގައި ހާޒިރުކުރެއްވުމަށެވެ.

ނަމަވެސް މިއަދުގެ ބައްދަލުވުން މާދަމައަށް ފަސްކުރެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އެދިވަޑައިގަތުމުން، މާދަމާ ހެނދުނު 11:00 އަށް މި ބައްދަލުވުން ފަސްކުރުމަށް ކޮމިޓީއިން ނިންމެވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙަންމަދު ސާލިޙް، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙްމީ، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ހުޅު-ހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކް އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޙްލޫފްއެވެ.

19 އޮކްޓޯބަރ 2013