ނޫސް ބަޔާން

އިންތިޚާބުތަކުގައި ވޯޓު ދިނުމާއި، އިންތިޚާބުތަކުގެ އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤަކީ އުމުރުން އަށާރަ އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ޙައްޤުތަކެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި ހިމެނޭ 26 ވަނަ މާއްދާއިން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާއިރު، ޤާނޫނުއަސާސީއާ އެއްގޮތަށް ޢަމަލުކުރުމާއި، ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަން ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގައި ކަނޑައެޅިގެން ބަޔާންކޮށްފައިވެއެވެ.

އަދި، ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ތެރޭގައި އިންތިޚާބުތަކުގެ ވޯޓު ނެގުމާއި އެ ވޯޓުގެ ނަތީޖާ އިޢްލާންކުރުމާއި، އިންތިޚާބުގައި ވޯޓުނެގުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެ ކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި، އެކަންތައްތަކަށް މަގުފަހިކުރުމާއި އަދި އިންތިޚާބުގެ ކަންތައްތައް ހިނގަނީ އިންޞާފުވެރިކަމާއެކު، ބިރުވެރިކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް، އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރުކުރުމަކީ، ޤާނޫނުއަސާސީގެ 170 ވަނަ މާއްދާއިން އިލެކްޝަންސް ކޮމިޝަނާ ޙަވާލުކޮށްފައިވާ މަސްއޫލިއްޔަތެކެވެ.

މިއަދު، 19 އޮކްޓޯބަރ 2013 ވީ ހޮނިހިރު ދުވަހު ހިނގާދިޔަ ކަންތައްތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކެއް ނިގުޅައިގަތުންކަމަށް އަޅުގަނޑު ދެކެމެވެ. އަދި ޤާނޫނުއަސާސީއައީ ޤާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އިމުން ބޭރުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެރިންގެ އަމުރަށް މިއަދު ފުލުހުން ޢަމަލުކޮށްފައިވާ ގޮތް އަޅުގަނޑު ކުއްވެރިކުރަމެވެ.

އެހެންކަމުން، އިލެކްޝަންސް ކޮމިޝަނަށް އަޅުގަނޑު މި ގޮވާލަނީ، ދެން އިންތިޚާބު އޮންނާނެ ތާރީޚެއް މި ހިނދުން މިހިނދަށްވެސް ކަނޑައަޅުއްވައި، އެކަން އިޢްލާންކުރައްވައި، ސީދާ ރައްޔިތުން އިންތިޚާބުކުރާ ރައީސަކު 11 ނޮވެމްބަރ 2013 ގައި ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން އަދާކުރުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުން ޙަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރެއްވުމައިގެން ކުރިއަށް ވަޑައިގަތުމަށެވެ.

14 ޛުލްޙިއްޖާ 1434

19 އޮކްޓޯބަރ 2013

ޢަބްދުﷲ ޝާހިދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް