އައި.ޕީ.ޔޫގެ 129 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ސްވިޒަލެންޑަށް ވަޑައިގެން އުޅުއްވާ އިންޑިއާގެ ލޮކްސަބާގެ ސްޕީކަރ ހަރ އެކްސެލެންސީ މެއިރާ ކުމާރު އާއި އެކަމަނާގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ވަފްދުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިބައްދަލުކުރެއްވުމުގައި އިންޑިޔާ އާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ޒަމާންވީ އެކުވެރި ކަމުގެ ގުޅުމުގެ މައްޗަށް ބައްލަވައިލައްވައި އެގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ކުރެވިދާނެ ކަންކަމުގެ މައްޗަށް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ދެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ މެދުގައި އުފެދިފައިވާ ވަރުގަދަ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއި ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ސެކްރެޓޭރިއަޓް ހަރުދަނާކުރުމުގެ ގޮތުން އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުން ވެދެއްވަމުންގެންދަވާ ފަންނީ އެހީތެރިކަމަށްޓައި މަޖިލީހުގެ ރައީސް ޝުކުރު އަދާކުރެއްވިއެވެ.
އިންޑިއާގެ ލޮކްސަބާގެ ސްޕީކަރ ދެއްކެވި ވާހަކަފުޅުގައި ކުރިއަށް އޮތްތަނުގައިވެސް އިންޑިއާގެ ޤާނޫނުހަދާމަޖިލީހުގެ ފަންނީ އެހީތެރިކަން ރައްޔިތުންގެ މަޖިލީހަށް ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
މި މަހުގެ 7 ވަނަ ދުވަހު ބޭއްވުނު މި ބައްދަލުވުމުގައި، ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ މުހިއްމުކަން ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމް އިތުރަށް ހަރުދަނާކޮށް، ސިޔާސީ ގޮތުން އަމާން ވެއްޓެއް ޤާއިމްކުރުމަށް، މިނިވަން އަދި އިންސާފުވެރި އިންތިހާބެއްގެ މުހިއްމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އަދި މިދިޔަ، ސެޕްޓެމްބަރގައި ބޭއްވި ރިޔާސީ އިންތިހާބަށް އިންޑިޔާ ސަރުކާރުން އޮބްޒާވަރުން ފޮނުއްވައި ދެއްވައި ވެދެއްވި އެހީތެރިކަމަށްޓަކައި މަޖިލީހުގެ ރައީސް އެކަން ފާހަގަކުރެއްވައި ޝުކުރުއަދާކުރެއްވިއެވެ.
އަދި މިއަހަރުގެ ނޮވެމްބަރ މަހުގެ 20-24 އަށް ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ 7 ވަނަ ސާކް ސްޕީކަރ ކޮންފަރެންސް ގައި ބައިވެރިވެ ވަޑައިގެންދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިޔާގެ ސްޕީކަރ އަށް ދަޢުވަތު އެރުއްވިއެވެ.