ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ (ހ) އަދި (ށ)ގެ ދަށުން، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް މިއަދު ކުރިއަށްގެންދަވައިފިއެވެ.

މިމައްސަލައަކީ “މީޑިއާތަކުގެ ތެރެއިން ރާއްޖެ ޓީވީ އެކަހެރިކޮށް ގަސްތުގައި އެއްބާރުލުން ނުދިނުމުގެ ސަބަބުން ރޭފަތިހު ހިނގާދިޔަ ހިތާމަވެރި ހާދިސާގެ ކުރިން ރާއްޖެޓީވީން ވަނީ އެތަނަށް ގެއްލުންދޭނެކަމުގެ އިންޒާރުގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަމާލުކަމަށް ގެނެސް ހުށަހެޅުމުންވެސް އެއްވެސް ގޮތަކަށް އެކަމަށް އިޖާބައެއް ދެއްވާފައި ނެތުމުން އެ ހާދިސާ ހިންގުމަށް ބަޔަކަށް ފުރުޞަތު ލިބިގެން ދިޔަކަމީ ނުހަނު ހިތާމަ ކުރާކަމަށްވެފައި، ރާއްޖޭގެ މިނިވަން މީޑިއާއަށް ލިބިފައިވާ ފުރުޞަތު ނަގާލުމަށް ބަޔަކު ގަސްތުގައި ހިންގާފައިވާ ދަށުދަރަޖާގެ މި ފިނޑިޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކޮށް މިމައްސަލަ ސަރުކާރުން ބަލާ މިނިވަން އިންސާފުވެރި ތަހުޤީޤެއް ހިންގުމަށާއި، އަދި ކަމާބެހޭ އެންމެހާ ފަރާތްތަކުން ފިޔަވަޅު އެޅުމަށް ގޮވާލާ” ކަމަށްބުނެ ހުށަހެޅިފައިވާ މައްސަލައެކެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރިއަށްގެންދިއުމަށް ފާސްވެފައިވަނީ، 34 މެންބަރުންގެ އިއްތިފާޤުންނެވެ.

އަދި ކުއްލި މައްސަލައިގެ 1 ގަޑިއިރުގެ ބަހުސްގެ ވަގުތު ހަމަވުމުން ފުރުޞަތަށް އެދިވަޑައިގެންނެވި ހުރިހާ މެންބަރުންނަށް ފުރުޞަތު ދެއްވުމަށް 23 މެންބަރުންގެ އިއްތިފާޤުން މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން ފުރުޞަތަށް އެދިވަޑައިގެންނެވި ހުރިހާ މެންބަރުން ބަހުސް ކުރެއްވުމަށް މިއަދުގެ ޖަލްސާގައި ވަގުތު އިތުރު ކުރެވިފައިވެއެވެ.

ބަހުސްގެ މަރުހަލާގައި މި ކުއްލި މައްސަލައަށް ޖުމްލަ 27 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 21 އޮކްޓޯބަރ 2013 ވާ ހޯމަ ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

7 އޮކްޓޯބަރ 2013