ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގެ (ހ) އަދި 72 ވަނަ މާއްދާގެ (ހ) އަށް އިޞްލާޙު ގެނައުމުގެ ބިލު ބަލައިގަނެފި

ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގެ (ހ) އަދި 72 ވަނަ މާއްދާގެ (ހ) އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެފިއެވެ. މިބިލު ބަލައިގަނެފައިވަނީ 35 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 2 މެންބަރުން ވޯޓް ދެއްވާފައިވާއިރު 9 މެންބަރުން ވަކި ފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މިބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކުރެއްވުމާގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާގޮތުގެމަތީން ދިރާސާކުރެއްވުމަށް ވަނީ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ދިރާސާކުރެއްވުމަށް ފޮނުވިފައެވެ.

ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގެ (ހ) އަށް ހުށަހެޅުއްވި އިސްލާހުގައިވަނީ “ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަކީ، 28 މެއި 2009 ގައި އެކުލަވާލެވުނު ރައްޔިތުންގެ މަޖިލީސް އެކަށައެޅުމުގައި ކަނޑައަޅާފައިވާ އިދާރީ ދާއިރާތަކާއި އިންތިޚާބީ ދާއިރާތަކުގެ މައްޗަށް ބިނާކޮށް ހަތްދިހަހަތް މެންބަރުންނެވެ.” މިފަދައިންނެވެ.

72 ވަނަ މާއްދާގެ (ހ) އަށް ހުށަހެޅުއްވި އިސްލާހުގައިވަނީ “މި ޤާނޫނު އަސާސީގެ 71 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮންމެ އިދާރީ ދާއިރާއަކުން، 28 މެއި 2009 ގައި އެކުލަވާލެވުނު ރައްޔިތުންގެ މަޖިލީސް އެކަށައެޅުމުގައި ކަނޑައަޅާފައިވާ އިންތިޚާބީ ދާއިރާތައް ވަކި އިންތިޚާބީ ދާއިރާތަކެއްގެ ގޮތުގައި ކަނޑައަޅަންވާނެއެވެ. މިއިން ކޮންމެ އިންތިޚާބީ ދާއިރާއަކުން އިންތިޚާބުކުރާނީ އެއް މެންބަރެވެ.” މިފަދައިންނެވެ.

މިބިލުގެ އިތުރުން މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2000/4 (އާއިލާއާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް ހުށަހަޅުއްވާފައިވާ، ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލުން މަނާކުރުމުގެ ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އިއްވާފައިވެއެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން ތިމަރަފުށީ ދައިރާގެ މެންބަރު އަޙްމަދު ޝަރީފް މިއަދުގެ ޖަލްސާގައި ކުއްލި މައްސަލައެއް ހުށަހަޅުއްވާފައިވެއެވެ. ނަމަވެސް މިމައްސަލައަށް ބަހުސްކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާހެއްނުވިއެވެ.

3 އޮކްޓޯބަރ 2013