މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 37 ވަނަ ބައްދަލުވުމުގައި، އެންމެ ފުރަތަމަ ކުރިއަށް ގެންދެވީ ކޮމިޓީގެ މުޤައްރިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު މުޤައްރިރުކަމުން، އިސްތިއުފާ ދެއްވުމުގެ ސަބަބުން، ގަވައިދުގައިވާ ގޮތުގެ މަތިން އަލުން ކޮމިޓީގެ މުޤައްރިރެއް ހޮއްވެވުމުގެ މަސައްކަތެވެ. މިގޮތުން ކޮމިޓީގެ މުޤައްރިރަކަށް ހޮއްވެވުމަށް ބޭފުޅުންގެ ނަން ހުށަހެޅުއްވުމަށް ދެންނެވުމުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު ހުށަހަޅުއްވައި ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ ތާއިދު ކުރައްވާފައިވަނީ ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރުގެ ނަންފުޅެވެ. މި ނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީއަށް ވަޑައިގެންނެވި 7 މެންބަރުންގެ ތެރެއިން 6 މެންބަރުން ވޯޓު ދެއްވައިގެން ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހޮވުނެވެ. އެއަށްފަހު، ކޮމިޓީގެ ނައިބު މުޤައްރިރަކު ހޮއްވެވުމަށް ނަން ހުށަހެޅުއްވުމަށް ފުރުސަތު ހުޅުވާލުމުން އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުށަހަޅުއްވައި ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދު ތާއިދު ކުރައްވާފައިވަނީ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ނަންފުޅެވެ. މިގޮތުން މި ނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީއަށް ވަޑައިގެންނެވި 7 މެންބަރުންގެ ތެރެއިން 6 މެންބަރުން ވޯޓު ދެއްވައިގެން ރޮޒައިނާ އާދަމް ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހޮވުނެވެ.
އަދި މިއަދުގެ ބައްދަލުވުމުގައި، އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ސެކިއުރިޓީއާ ގުޅޭގޮތުން ކޮމިޓީއަށް މައްސަލައެއް ހުށަހެޅިފައިވާތީ އެކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ނިންމަވާފައިވަނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ތެރެއިން ކަމާގުޅޭ ގޮތުން މަޢުލޫމާތު ދެއްވޭނެ ބޭފުޅުން، ހާޒިރުވެ ވަޑައިގަތުމަށް އެދި ދެންނެވުމަށެވެ.
މި މައްސަލާގެ ބަހުސްގެ ތެރޭގައި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ހުށަހަޅުއްވާ އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ޢަބްދުﷲ ތާޢިދުކުރެއްވި ހުށަހެޅުއްވުމަކީ، އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރިއަށް ގެންދަވާ ރިޔާސީ އިންތިހާބުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށާއި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގޮތަށް މި މަހުގެ 28 ވަނަ ދުވަހު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް، މި ކޮމެޓީންވެސް ތާޢީދު ކުރާކަމަށް ފާސްކޮށް އެކަން ސިޓީއަކުން އިލެކްޝަންސް ކޮމިޝަނުގައި ދެންނެވުމަށެވެ. އެގޮތުން އެ ހުށަހެޅުން ފާސްވުމާއި ގުޅިގެން އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގެވުމަށް ކޮމެޓީން ނިންމެވިއެވެ.
މީގެއިތުރުން މިއަދުގެ ބައްދަލުވުމުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަލީ ޙަމީދު މުޙައްމަދާ ބެހޭގޮތުން ލީކުވެފައިވާފައިވާކަމަށް ބުނާ ވީޑިއޯ އާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަންއިން ތަޙުޤީޤުކުރާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވަނީ، އެމައްސަލައާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި، އެ މައްސަލަ ތަޙުޤީޤު ކުރައްވާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ކޮމިޓީ އަށް ހާޒިރުވެ ވަޑައިގަތުމަށް އެދި ދެންނެވުމަށެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ، އިހަންވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖްތާޒް، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުއެވެ.