މިއަދުގެ ޖަލްސާގައި މަޖިލީހުގެ ބައެއް މެންބަރުން، މަޖިލީހުގެ ގަވާއިދާ ޚިލާފު އެތަކެއް ޢަމަލުތަކެއް ހިންގަވާފައިވާތީ މެންބަރުންނަށް މަޖިލީހުގެ ރައީސް ސިޓީފުޅެއް ފޮނުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ބައެއް މެންބަރުން، މަޖިލީހުގެ ގަވާއިދާ ޚިލާފު އެތަކެއް ޢަމަލުތަކެއް ހިންގަވާފައިވާތީ މެންބަރުންނަށް މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު މިއަދު ސިޓީފުޅެއް ފޮނުއްވައިފިއެވެ.

ސިޓީގައި ވަނީ “މިއަދު، 22 ސެޕްޓެމްބަރ 2013 ވީ އާދިއްތަ ދުވަހުގެ ހެނދުނު 9:00 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން، އެ ޖަލްސާ މެދުކަނޑާލުމަށްފަހު މިރޭ 9:00 ގައި އެ ޖަލްސާ ކުރިއަށްގެންދެވޭތޯ މަސައްކަތްކުރުމަށްފަހުވެސް، ޖަލްސާ ކުރިއަށް ނުގެންދެވިގެން އެ ޖަލްސާވަނީ މެދުކަނޑާލާފައެވެ. މިއިން ކޮންމެފަހަރަކުވެސް، އެޖަލްސާ މެދުކަނޑާލަންޖެހެނީ އެ ޖަލްސާ ކުރިއަށް ގެންދިޔަ ނުދިނުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ޚިލާފު އެތަކެއް ޢަމަލުތަކެއް ހިންގަވާފައިވާތީއެވެ. އަދި ވަކިން ޚާއްސަކޮށް، އެ ޖަލްސާ ކުރިއަށް ގެންދެވިފައިނުވަނީ ޖަލްސާކުރާ މާލަމުގައި ހުރި ސިސްޓަމްތަކާއި ކެމެރާތަކުގެ ކޭބަލްތަކަށް ތޫނު އެއްޗިހި ބޭނުންކުރައްވައިގެން، އެކިފަހަރުމަތިން ގެއްލުންދީފައިވާތީއެވެ. މިކަމީ، އަޅުގަނޑު ނުހަނު ކަންބޮޑުވާކަމެކެވެ. ރައްޔިތުންގެ މަޖިލީހަކީ ޚިޔާލު ތަފާތުތައް އުފެދޭ ޙާލަތްތަކުގައިވެސް، މަޝްވަރާގެ ރިވެތި އުސޫލު އިސްކުރައްވައި، މަޝްވަރާގެ މަގުން ކަންކަން ޙައްލުކުރަން އޮންނަ ތަނަކަށްވީހިނދު، އެ މަގު އިސްކުރެއްވުމުގެ ބަދަލުގައި، މާރާމާރީ ހިންގައި، މަޖިލީހުގެ މުދަލަށް ގެއްލުންދީ، މަޖިލީހުގެ މުވައްޒަފުންނަށް ބިރު ދެއްކުމަކީ އެއްވެސް މިންވަރަކަށް، އެއްވެސް ޙާލަތެއްގައި އަޅުގަނޑު ބަލައިގަންނާނެ ކަމެއް ނޫންކަމުގައި ދަންނަވަމެވެ.”

22 ސެޕްޓެމްބަރ 2013