ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ރ) ގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާއެއް، 22 ސެޕްޓެމްބަރ 2013 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖައްސަވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ރ) ގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާއެއް، 22 ސެޕްޓެމްބަރ 2013 ވާ އާދިއްތަ ދުވަހު  ބޭއްވުމަށް ހަމަޖައްސަވައިފިއެވެ.

މިގޮތަށް ހަމަޖައްސަވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ 29 މެންބަރުން ސޮއިކުރައްވައި، ސަބަބު ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަވައި ދެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ރ) ދަށުން، 18 ސެޕްޓެމްބަރ 2013 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވެވި ހުށަހެޅުއްވުމަކާ ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރަނީ، ރައްޔިތުންގެ މަޖިލީހުގެ ރިސެސްގެ ތެރޭގައި ނުވަތަ ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ، ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އެހުށަހެޅުން ހުށަހަޅާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ޖަލްސާތައް ބޭއްވޭނެގޮތް ހަމަޖައްސައި އެ ޖަލްސާތައް ބާއްވަންވާނެކަމަށެވެ.

  22 ސެޕްޓެމްބަރ 2013 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކުރައްވައި، ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމަކާ ގުޅިގެން އެކަމަށްޓަކައި ބާއްވާ ޚާއްޞަ ޖަލްސާއެއްކަމުން، އެ ޖަލްސާއަށް އެޖެންޑާކުރެވިފައިވަނީ އެ ހުށަހެޅުމުގައި ބަޔާންކޮށްފައިވާ މައްސަލައެވެ. ރައްޔިތުންގެ މަޖިލީހުގެ 29 މެންބަރުން ސޮއިކުރައްވައި، 18 ސެޕްޓެމްބަރ 2013 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވެވި ހުށަހެޅުއްވުމުގައި ބަޔާންކޮށްފައިވާ މައްސަލައަކީ، 7 ސެޕްޓެމްބަރ 2013 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ބޮޑު ފަރަގަކުން ދެވަނަ ބުރަށް ހޮވުމާގުޅިގެން، ވާދަވެރި ސިޔާސީ ފަރާތްތަކުން ދުސްތޫރީ ހަމަތަކާއި އުސޫލުތައް މުގުރާލާ، ޑިމޮކްރަސީއާ ދުރަށް މިސްރާބު ޖަހާފައިވާކަމަށް ފެންނާތީ، ޤަނޫނުއަސާސީ މެދުވެރިކޮށް ދައުލަތުގެ އެންމެހާ މުއައްސަސާތަށް ޖަވާބުދާރީ ކުރުވުމަކީ ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއަކަށްވާތީ، އެ މައްސަލައެވެ.

19 ސެޕްޓެމްބަރ 2013