ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލުގެ ބިލު ތަސްދީޤުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު ފާސްކުރެއްވުމާގުޅިގެން، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، އެ ބިލު ތަޞްދީޤުކުރެއްވުމުގެ ކަންކަން ނިންމެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް މިއަދު ފޮނުއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ކޮމިޓީން ނިންމެވިގޮތަށް 39 މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވާފައިވަނީ 29 އޮގަސްޓް 2013 ގައި ބޭއްވި ރައްޔިތުންގެ މަޖިލިސް ޖަލްސާގައެވެ. މިބިލަކީ ރައްޔިތުންގެ މަޖިލީހުގެ 2013 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 24 ވަނަ ޖަލްސާގައި ފާސްކުރައްވާ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް 2 މެއި 2013 ގައި ފޮނުއްވުމުން، މިބިލާއި މެދު ދެވަނަ ވިސްނުމަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެން، 15 މެއި 2013ގައި އަލުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ބިލެކެވެ.