ޤައުމީ ސަލާމަތުގެ ކޮމިޓީގެ މުޤައްރިރުކަމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު އަދި ނައިބު މުޤައްރިރުކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހޮއްވަވައިފި

މިއަދު ބޭއްވުނު ޤައުމީ ސަލާމަތުގެ ކޮމިޓީގެ 30 ވަނަ ބައްދަލުވުމުގައި، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ ޢަދަދަށް އައި ބަދަލާއެކު، އަލުން މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާ ލުމާއިގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 120 ވަނަ މާއްދާގެ ދަށުން ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވެވުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ. މިގޮތުން ކޮމިޓީގެ މުޤައްރިރުކަމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު އަދި ނައިބު މުޤައްރިރު ކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހޮވިވަޑައިގެންނެވީ ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 8 މެންބަރުންގެ ޢިއްތިފާޤުންނެވެ.

މިއަދު ބޭއްވުނު ޤައުމީ ސަލާމަތުގެ ކޮމިޓީގެ  ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދުއެވެ.