ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓާއި މެރިން ރިސާރޗް ސެންޓަރގެ 2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް، ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފި

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓާއި މެރިން ރިސާރޗް ސެންޓަރގެ 2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް، ކޮމިޓީން ނިންމެވިގޮތަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ކޮމިޓީން ނިންމެވިގޮތަށް ފާސްކުރެއްވީ 39 މެންބަރުންގެ އިއްތިފާޤުންނެވެ. މިގޮތަށް ފާސްވުމުން، ޤާނޫނުއަސާސީގެ 91 މާއްދާގެ (ހ)ގެ ދަށުން މިބިލް ތަސްދާޤުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާނެއެވެ.

މީގެ އިތުރުން، ދެން ވޯޓަށް އައްސަވާފައިވަނީ މެރިން ރިސާރޗް ސެންޓަރގެ 2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓެވެ. އަދި މި ރިޕޯޓް، ކޮމިޓީން ނިންމެވިގޮތަށް ފާސްކުރެއްވީ 34 މެންބަރުންގެ އިއްތިފާޤުންނެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު އާއި ނާއިބު ރައީސް އަޙްމަދު ނާޒިމް އަދި ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙައްމަދެވެ.

މިއަދުގެ ޖަލްސާ ނިންމަވާލެއްވިއިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގެ (ހ) އަދި 72 ވަނަ މާއްދާގެ (ހ) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާޢީ ބަހުސް ނިންމަވާލައްވާފައިވެއެވެ. ޖަލްސާ ނިންމަވާލެއްވިއިރު، މި ބިލަށް 21 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

29 އޮގަސްޓް 2013