އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2010 ވަނަ އަހަރުގެ ބަޖެޓަށް މަޖިލީހުން ގެނެވުނު އިޞްލާހާއެކު މާލިއްޔަތު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތަށް ފާސްކުރައްވައިފި

މިއަދު އޮތް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 63 ވަނަ ޖަލްސާގައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2010 ވަނަ އަހަރުގެ ބަޖެޓް މާލިއްޔަތު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓްގެ 5.0 ގައިވާ އޮޑިޓަރ ޖެނެރަލް އޮފީހުގެ ހިންގުން ހަރުދަނާ ކުރުމާބެހޭ ގޮތުން މާލިއްޔަތު ކޮމިޓީން ހުށަހަޅާ ހުށަހެޅުންތައް، މިޞުރުޙީގެ ދަށުގައިވާ (ބ) ރިޕޯޓުން އުނިކުރުމަށްފަހު، މާލިއްޔަތު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތަށް ފާސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި ފާސްކުރެވުނު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2010 ވަނަ އަހަރުގެ ބަޖެޓްގައި އޮޑިޓަރ ޖެނެރަލަށް ލިބެންވާ މުސާރައާއި އެހެނިހެން ޢިނާޔަތްތަކަށް 690,000 ރުފިޔާ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކަށް 16,039,200 ރުފިޔާ، މުވައްޒަފުން ތަމްރީނުކުރުމާއި ފަންނީގޮތުން މުވައްޒަފުންގެ ފެންވަރު މަތިކުރަންޖެހޭ ޚަރަދެއްގެ ގޮތުގައި 2,640,000 ރުފިޔާ، އޮޑިޓަރ ޖެނެރަލްގެ މަސައްކަތް ހިންގުމަށްޓަކައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ކުރަންޖެހޭ ދަތުރުފަތުރުގެ ޚަރަދާއި، ކުރަންޖެހޭ އެހެނިހެން ކަންތައްތަކަށް ހިނގާ ޚަރަދެއްގެ ގޮތުގައި 490,000 ރުފިޔާ އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އިދާރީ ޚަރަދުތަކަށް ބޭނުންވާ ފައިސާގެ ގޮތުގައި 2,443,450 ރުފިޔާ ހިމަނާފައިވެއެވެ.

އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން މާލިއްޔަތު ކޮމިޓީން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުގެމަތިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ނޫން އެހެން އެއްވެސް ބޭންކެއްގައި އެކައުންޓް ނުހުޅުވުމަށާއި، މިގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގައިވާ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައިވާ ޕަބްލިކް ބޭންކް އެކައުންޓަށް ޓްރާންސްފަރކޮށް، ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓުން ޚަރަދުކުރުން ހުއްޓާލާ އެ އެކައުންޓް ބަންދުކުރުމަށާއި އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ލިބޭ އެކިއެކި ގްރާންޓްތަކުގެ ފައިސާވެސް ކޮންސޮލިޑޭޓެޑް ރެވެނިއު އެކައުންޓަށް ޖަމާކުރަމުން ގެންދިއުންވެސް ހިމެނެއެވެ. އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ހުރިހާ ޚަރަދުތައްވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައިވާ ޕަބްލިކް ބޭންކް އެކައުންޓުންކުރުންވެސް ހިމެނެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2010 ވަނަ އަހަރުގެ ބަޖެޓާބެހޭ ގޮތުން ގޮތެއް ނިންމެވުމަށްފަހު، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ހުށަހަޅުއްވާފައިވާ، ތަރުޖަމާކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ބިލުގެ ދެވަނަ ކިޔުމުގެ ބަޙުސްގެ މަރުޙަލާ ކުރިއަށްގެންދެވިއެވެ. މިބިލު މިއަދުގެ ޖަލްސާގައިވަނީ މަޖިލީހުން ކުރިއަށްގެންދިއުމަށް ފާސްކުރައްވައި، 7 މެންބަރުންގެ ވަގުތީ ކޮމެޓީއަކަށް ފޮނުއްވާފައެވެ.

އެއަށްފަހު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު (2008/2 ވަޒީފާއާއިބެހޭ ޤާނޫން) އަށް .. ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ދެވަނަ ކިޔުމުގެ ބަހުސްގެ މަރުޙަލާ ކުރިއަށްގެންދެވިއެވެ. މިއަދުގެ ޖަލްސާގައި މިބިލަށް އިތުރު މެންބަރުން އެދިވަޑައިގެންފައިވަނިކޮށް ޖަލްސާގެ ވަގުތުހަމަވުމާއި ގުޅިގެން ރިޔާސަތުން ޖަލްސާނިންމަވާލެއްވިއެވެ.

މިއަދުގެ ޖަލްސާގައި 11 ޖޫން 2009 ގައި އުމުރުން ދިހަ މަހުގެ ކުއްޖެއްކަމުގައިވާ އަލްމަރުޙޫމް މުޙަންމަދު ނާފިޢު އިބްރަހީމަށް ތޫނު އެއްޗަކުން ނުވަތަ ނިޔަފަތިން ކަރަށް ހަމަލާދީ އަދި އިތުރު އަނިޔާތަކާއި ޖިންސީ ގޯނާގެ ސަބަބުން މަރުވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ޕެޓިޝަން ދިރާސާކުރައްވައި ޕެޓިޝަން ކޮމިޓީން ތައްޔާރުކުރެއްވި ރިޕޯޓާބެހޭގޮތުން ރިޔާސަތުން ވިދާޅުވީ، މިމައްސަލައިގެ ތަޙްޤީޤު ނިމި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިމައްސަލަ ޝަރީޢަތަށް ހުށަހަޅުއްވައި، އަދި މިމައްސަލަ މިހާރު ޝަރީޢަތުގައި ހިނގަމުން ދާތީވެ، މަޖިލީހުގެ ގަވާއިދުގެ 39 ވަނަ މާއްދާގެ (ރ) ގެ 1 ވަނަ ނަންބަރަށް ރިޢާޔަތްކުރުމާއެކު މިމައްސަލައިގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުމާއި، މައްސަލައިގެ ބަހުސްކުރުން މިމައްސަލައިގެ ޝަރީޢަތް ނުނިމެނީސް މަޖިލީހުގައި ކުރިއަށްގެންދިއުމަކީ ޝަރީޢަތަށް އޭގެ އަސަރު ފޯރަފާނެ ކަމެއްކަމުގައި ރިޔާސަތަށް ފެންނާތީ މިމައްސަލައިގެ ބަހުސް މިހިނދު ނުކުރާ ގޮތަށް ރިޔާސަތުން ނިންމެވީ ކަމަށެވެ. އަދި ޝަރީޢަތުގެ މަރުޙަލާ ނިމުމާއެކު، މިމައްސަލަ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރިޔާސަތުން އެންގެވިއެވެ.

ސުވާލުގެ ވަގުތުގައި، ތ. އޮޅުގިރި ރިސޯޓާބެހޭގޮތުން ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، މިނިސްޓަރ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދާ ސުވާލުކުރެއްވުން އޮތެވެ. މިސުވާލަށް މިނިސްޓަރ ދެއްވި ޖަވާބާ ގުޅިގެން، އިތުރު ސުވާލުކުރެއްވުމަށް ހުޅުއްވާލެއްވި ފުރުޞަތުގައި، ޖުމްލަ 9 މެންބަރުން ސުވާލު ކުރެއްވިއެވެ.

54 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 17 ނޮވެމްބަރ 2009 ވާ އަންގާރަދުވަހުގެ ހެނދުނު 9 ޖަހާއިރުއެވެ.