ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓާއި މެރިން ރިސާރޗް ސެންޓަރގެ 2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ހުށަހަޅުއްވައި މެންބަރުން ބަހުސް ކުރައްވައިފި

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓާއި މެރިން ރިސާރޗް ސެންޓަރގެ 2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ހުށަހަޅުއްވައި މެންބަރުން ބަހުސް ކުރައްވައިފިއެވެ.

މިއަދުގެ ހެނދުނުގެ ދަންފަޅީގެ ހުސްވަގުތުކޮޅަށް ފަހު ކުރިއަށް ގެންދުވުނު ދަންފަޅީގައި، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލުގެ ރިޕޯޓު ޤައުމީ ސަލާމަތުގެ ކޮމިޓީގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކެވެ. އަދި ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް 7 މެންބަރުން ބަހުސްކުރެއްވިއެވެ. މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަސްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވުނު ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ބިލު އަލުން ވިސްނުމަށް ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ 15 މޭ 2013 ގައެވެ.

މީގެއިތުރުން މެރިން ރިސާރޗް ސެންޓަރގެ 2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް މަޖިލީހަށް ހުށަހެޅުއްވީ ކޮމިޓީ މެންބަރު ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ. އަދި މިރިޕޯޓަށް 4 މެންބަރުން ބަހުސްކުރެއްވިއެވެ.

ހެނދުނުގެ ދަންފަޅީގެ ހުސްވަގުތުކޮޅަށްފަހު ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަޙްމަދު ނާޒިމް އާއި ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙައްމަދެވެ.

29 އޮގަސްޓް 2013