ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގެ (ހ) އަދި 72 ވަނަ މާއްދާގެ (ހ) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދަވައިފި

ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގެ (ހ) އަދި 72 ވަނަ މާއްދާގެ (ހ) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ހެނދުނުގެ ދަންފަޅީގެ ޖަލްސާގައި ކުރިއަށް ގެންދަވައިފިއެވެ.

ޤާނޫނު އަސާސީގެ 71 ވަނަ މާއްދާގެ (ހ) އަދި 72 ވަނަ މާއްދާގެ (ހ) އަކީ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅައި އަދި މެންބަރުން އިންތިޚާބުކުރުމުގެ ކަންތައްތައް ކަނޑައަޅާ މާއްދާތަކެވެ. މިބިލުގައި ބަޔާންކޮށްފައިވަނީ ޤާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރެވޭ މެންބަރުންގެ އަދަދު ކަނޑައެޅިފައި އޮންނަ ގޮތަށް ބަލައިލާ، މެންބަރުން އިތުރުވާ ގޮތަށް ބަދަލު ގެނެސް ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އަދަދު މިހާރު އޮތް ވަރަށް ވުރެން މުސްތަޤްބަލްގައި އިތުރުނުވާނެގޮތަކަށް ވަކި މިންގަނޑެއްގައި ބެހެއްޓުމަށްޓަކައި، ޤާނޫނު އަސާސީގެ 71 ވަނަ މާއްދާގެ (ހ) އަދި 72 ވަނަ މާއްދާގެ (ހ) އިސްލާޙު ގެނައުމަށްޓަކައެވެ.

މިގޮތުން ހެނދުނުގެ ދަންފަޅީގެ ހުސްވަގުތުކޮޅުގެ ކުރީގައި މިބިލަށް 9 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

މީގެއިތުރުން މިއަދު ސަރުކާރުގެ ފަރާތުން، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުސޫމް ހުށަހަޅުއްވާފައިވާ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވެއެވެ.

ހެނދުނުގެ ދަންފަޅީގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އެވެ.

29 އޮގަސްޓް 2013