ދިވެހިރާއްޖޭގެ ޚާރިޖީވަޒީރު ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން، ފޮރިން މިނިސްޓްރީން ހުޅުއްވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު މިއަދު ސޮއި ކުރައްވައިފިއެވެ.
ތަޢުޒިޔާގެ ދަފްތަރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ލިޔުއްވި ބަޔާނުގައި، ވަނީ:
“މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަވަހަރަވި ޚަބަރު އަޅުގަނޑު އެހީ ނުހަނު ފުން ހިތާމައާއި އެކުގައެވެ.
ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަކީ ދިވެހިރާއްޖެއަށް ތަފާތު ރޮނގުރޮނގުން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގެ ޞިއްޙީ ދާއިރާގައި ގިނަ ދުވަސްތަކެއްގައި ނުހަނު ބޭނުންތެރި ޚިދުމަތްތަކެއް އެމަނިކުފާނު ކުރައްވާފައިވެއެވެ. ޞިއްޙީ ޚިދުމަތުގެ ދާއިރާގައި ބައިންލައަޤްވާމީ ޖަމާޢަތްތަކުގައި އެމަނިކުފާނު މަސައްކަތްކުރައްވައި ރާއްޖެއަށް ރީތި ނަމާއި ގަދަރު ހޯއްދަވައިދެއްވާފައިވެއެވެ.
އަޅުގަނޑު މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ކަމުގެ މަގާމުގައި ހުރި ދުވަސްވަރު ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ ޚާރިޖީ ދާއިރާއާ ގުޅިވަޑައިގަތެވެ.
އެގޮތުން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރުކަމުގައި އެމަނިކުފާނު ހަމަޖެހިގެން ދިޔައެވެ. އެދުވަހުން ފެށިގެން ޚާރީޖީ ދާއިރާގައި އެމަނިކުފާނު ކޮށްދެއްވާފައިވާ ޚިދުމަތްތައް ފާހަގަ ކޮށްލެވެއެވެ.
ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަކީ އެކުގައި މަސައްކަތް ކުރަންފަސޭހަ ބޭފުޅެކެވެ. މަސައްކަތަށް ކަމޭހިއްތަވާ ބޭފުޅެކެވެ. ހިތްޕުޅު ހެޔޮ ސާދާ ބޭފުޅެއްވެސް މެއެވެ.
މިހިތާމަވެރި ދަނޑިވަޅުގައި ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ ގެ ލޮބުވެތި ޢާއިލާއަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި އެއެންމެ ބޭފުޅުންނަށް ކެތްތެރިކަން ދެއްވައި ސަވާބު އިތުރުކުރެއްވުން އެދި ދުޢާކުރަމެވެ. އަދި ހަމައެއާއެކު ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަރިހުގައި މަސައްކަތް ކުރެއްވި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެންމެހައި މުވައްޒަފުންނަށްވެސް ތަޢުޒިޔާ ދަންނަވަމެވެ.
އަދި އެ މަރުހޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވަމެވެ.”
26 އޯގަސްޓް 2013