ދިވެހިރާއްޖޭގެ ޚާރިޖީވަޒީރު ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަވަހާރަވުމުގެ ހިތާމައިގައި އެމަނިކުފާނުގެ އަނބިކަނބަލުން އަމީނާ ޢަލީއާއި ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲގެ އަނބިކަނބަލުން އަމީނާ ޢަލީ އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވި ސިޓީގައިވަނީ ” ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަވަހާރަވީ ޚަބަރު އަޅުގަނޑު އެހީ ފުން ހިތާމައާ އެކުގައެވެ. މި ހިތާމަވެރި ދަނޑިވަޅުގައި އަމީނާއާއި ޢާއިލާގެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ފުން ހިތާމައިގައި ބައިވެރިވެ އިޚްލާޞްތެރި ކަމާއިއެކު ތަޢުޒިޔާ ދަންނަވަމެވެ.
ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަކީ ދިވެހިރާއްޖެއަށް ތަފާތު ގިނަ ރޮނގުރޮނގުން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ރާއްޖޭގެ ޞިއްޙީ ދާއިރާ އާއި ޚާރިޖީ ދާއިރާއަށް ކޮށްދެއްވާފައިވާ ޚިދުމަތްތައް ޚާއްސަކޮށް އަޅުގަނޑު ފާހަގަކުރަމެވެ. އަޅުގަނޑުގެ ޚާރިޖީ ވަޒީރުކަމުގައި ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައިވާ ދިވެހިރާއްޖޭގެ ސަފީރެއްގެ ގޮތުގައި އެމަނިކުފާނާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބިފައިވެއެވެ.
ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަކީ އެކުގައި މަސައްކަތްކުރަން ފަސޭހަ، މަސައްކަތަށް ކަމޭ ހިތްތަވާ އިޚްލާސްތެރި ބޭފުޅެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވިފައިވެއެވެ.
އަޅުގަނޑުގެ އިޚްލާސްތެރި ދުޢާއަކީ އަމީނާ އާއި ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲގެ ހުރިހާ ބޭފުޅުންނަށް މިހިތާމަވެރި ދަނޑިވަޅުގައި ކެތްތެރިކަން ދެއްވައި ސަވާބު އިތުރު ކުރެއްވުމެވެ. އަދި މަރްޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމެވެ.”
25 އޯގަސްޓް 2013