ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްކަމަށް މއ. ކިނބި/ ޑޮކްޓަރ މުޙަންމަދު ލަޠީފް ރައްޔިތުންގެ މަޖިލީހުން ޢައްޔަން ކުރައްވައިފި ކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މިއަދު ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުއްވި ސިޓީގައި ވިދާޅުވެއްޖެ

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްކަމަށް މއ. ކިނބި/ ޑޮކްޓަރ މުޙަންމަދު ލަޠީފް ރައްޔިތުންގެ މަޖިލީހުން ޢައްޔަން ކުރައްވައިފި ކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަހީދު ހަސަން އަށް ފޮނުއްވި ސިޓީގައި ވިދާޅުވެއްޖެއެވެ.

މިސިޓީގައި ބަޔާންކުރައްވާފައިވަނީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު، (ޤާނޫނު ނަންބަރު 5/2007) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 9/2010)ގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ މަޤާމް ހުސްވެފައިވާތީ، އެ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ޢައްޔަންކުރައްވާފައިވާ މެންބަރުންގެ ތެރެއިން، އެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޮމިޝަންގެ ރައީސް ޢައްޔަންކުރުމަށް، 20 އޯގަސްޓް 2013 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްކަމަށް މއ. ކިނބި/ ޑޮކްޓަރ މުޙަންމަދު ލަޠީފް ޢައްޔަންކުރެއްވުމަށް، އެވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވާފައިވާކަމަށް ވެއެވެ.

މީގެ އިތުރުން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙަންމަދު ޢަބްދުﷲއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވި ސިޓީގައި، ރައްޔިތުންގެ މަޖިލީހުން، ޑޮކްޓަރ މުޙަންމަދު ލަޠީފް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްކަމަށް ޢައްޔަންކުރައްވާފައިވާކަމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތިން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރޭގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ހިމެނިވަޑައިގަންނަވާ ކަމަށް ލިޔުއްވާފައިވެއެވެ.

މީގެއިތުރުން، މަޖިލީހުގެ ޢިއްތިފާޤުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްކަމަށް މއ. ކިނބި/ ޑޮކްޓަރ މުޙަންމަދު ލަޠީފް ޢައްޔަންކުރެއްވުމަށް، ފާސްކުރައްވާފައިވާކަމަށް ސިވިލް ސަރވިސް ކޮމިޝަނަށާއި، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ޑޮކްޓަރ މުޙަންމަދު ލަޠީފަށް ސިޓީ ފޮނުއްވާފައިވެއެވެ.