ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު ކަނޑައެޅުން 29 އޯގަސްޓްގައި ބާއްވާ ޖަލްސާއަށް އެޖެންޑާ ކުރައްވައިފި

ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅުއްވާފައި ހުންނެވި މެންބަރުގެ މަޤާމު ހުސްވެފައިވާތީ، އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެ މަޤާމަށް 3 މެންބަރެއްގެ ނަންފުޅު ހުށަހަޅައި، ވޯޓަށް އައްސަވައި އެއްވެސް ނަންފުޅެއް މިއަދުގެ ޖަލްސާގައި ފާސްކުރައްވާފައި ނުވާތީ، މިއައިޓަމް 29 އޯގަސްޓް ވާ ބުރާސްފަތިދުވަހު އޮންނަ ޖަލްސާއަށް އެޖެންޑާ ކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި ވޯޓަށް އައްސަވާފައިވާ 3 ނަންފުޅަކީ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު އަދި މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ. މި 3 ނަންފުޅުގެ އިތުރުން ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިންގެ ނަންފުޅުވެސް ހުށަހެޅުނެވެ. ނަމަވެސް ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން ވަނީ ނަންފުޅު އަނބުރާ ގެންދަވާފައެވެ.

މިކަން އިޢުލާންކުރައްވާފައިވަނީ މިއަދު މެންދުރު ދަންފަޅީގައި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ ޝާހިދުއެވެ.

20 އޮގަސްޓް 2013