ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅުއްވާފައި ހުންނެވި މެންބަރުގެ މަޤާމު ހުސްވެފައިވާތީ، އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެ މަޤާމަށް މެންބަރަކު ކަނޑައެޅުމުގެ މައްސަލަ ކުރިއަށް ގެންދަވައިފި

ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅުއްވާފައި ހުންނެވި މެންބަރުގެ މަޤާމު  ހުސްވެފައިވާތީ، އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެ މަޤާމަށް މެންބަރަކު ކަނޑައެޅުމުގެ މައްސަލަ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދަވައިފިއެވެ. މިގޮތުން ހުސްވެފައިވާ މަޤާމަށް 4 މެންބަރުން ނަން ހުށަހަޅުއްވާފައިވެއެވެ. މިނަންފުޅުތަކަށް ވޯޓަށް އަހާނީ މިއަދުގެ މެންދުރުގެ ދަންފަޅީގައި 13:00 ގައެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް 2 ވަނަ އިޞްލާހު ގެނައުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ހޮއްވެވުމުގެ މައްސަލަ ކުރިއަށް ގެންދަވާފައިވެއެވެ. މިކަމާއި ގުޅޭ ގޮތުން 15 މެންބަރުން ވާހަކަ ފުޅު ދައްކަވާފައިވެއެވެ.

އަދި، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ މެނިފެސްޓޯގައި ހިމެނުމަށްޓަކައި، ސިފައިންނާއި ފުލުހުންގެ ދެ މުއައްސަސާގެ އޮނިގަނޑަށް ބަދަލުގެނައުމަށް ތައްޔާރުކުރެވިފައިވާ ރިޕޯޓް ލީކްވެފައިވާއިރު، މިސިޔާސަތު ތަންފީޒުވެއްޖެނަމަ، ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ބާރުކެނޑި ދިވެހި ޤައުމު ބޭރުބައެއްގެ އަތްމައްޗަށް ދިޔުމުގެ ބިރުވެރިކަން އިޙުސާސްކުރެވޭތީ، މި މައްސަލަ ބަލައި ތަޙްޤީޤުކުރުމަށް ސަރުކާރަށް ގޮވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވާފައިވެއެވެ.

ހެނދުނުގެ ދަންފަޅީގެ ހުސްވަގުތުކޮޅަށް ދިޔައިރު ޖަލްސާގައި ކުރިއަށް ގެންދެވީ 2013 ވަނަ އަހަރު ދިވެހި ސަރުކާރުން ނެންގެވުމަށް ފާސްކުރައްވާފައިވާ ލޯނުތަކުގައި ހިމެނޭ “ފަސް ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ގާތްގަނޑަކަށް 15,000,000 (ފަނަރަ މިލިއަން) ޔޫ.އެސް ޑޮލަރަށްޖެހޭ އިސްލާމިކް ދީނާރު ލޯނު” ގެ މަޝްރޫޢާބެހޭ ތަފްސީލުގައި ހދ. ހަނިމާދޫގެ ނަރުދަމާގެ ނިޒާމު ހިމެނިފައިވަނިކޮށް، އެ މަޝްރޫޢުއިން އެރަށް އުނިކުރައްވައި، އެރަށުގެ ބަދަލުގައި ހދ.ނޮޅިވަރަންފަރު ހިމަނުއްވާފައިވާތީ، އެ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓްގެ ބަހުސެވެ.

މިއަދުގެ ޖަލްސާގެ ހެނދުނުގެ ދަންފަޅީގެ ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދެވެ.

20 އޮގަސްޓް 2013