ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ ތެރެއިން އެކޮމިޝަންގެ ރައީސާއި ނައިބު ރައީސް ޢައްޔަނުކުރެއްވުން، 20 އޮގަސްޓް 2013 ގައި ބާއްވާ މަޖިލިސް ޖަލްސާއަށް އެޖެންޑާ ކުރައްވައިފި

2007 ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް ދެވަނަ އިސްލާޙުގެނައުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) އާ (ށ) ގެ ދަށުން ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުންގެ ތެރެއިން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް ޢައްޔަނުކުރެއްވުން، 20 އޮގަސްޓް 2013 ވާ އަންގާރަ ދުވަހު ބާއްވާ މަޖިލިސް ޖަލްސާއަށް އެޖެންޑާ ކުރައްވައިފިއެވެ.

5/2007 ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް ދެވަނަ އިސްލާޙުގެނައުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުންގެ ތެރެއިން ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ޢައްޔަނުކުރައްވާނެ ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ވަނީ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ޢައްޔަނުކުރައްވާނީ ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ޢައްޔަނުކުރާ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ކޮމިޝަންގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް ހުށައެޅި ތާއީދުލިބޭ ފަރާތްތަކުގެ މެދުގައި ރައްޔިތުންގެ މަޖިލިސްގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޢްލަބިއްޔަތުން ކަމަށެވެ.

މަޖިލިސްގެ ރިޔާސަތުން މިގޮތަށް އަންގަވާފައިވަނީ 5 އޮގަސްޓް 2013 ގައި ބޭއްވުން ރައްޔިތުންގެ މަޖިލީހުގެ 2013 ވަނަ އަހަރުގެ 2 ވަނަ ދައުރުގެ 18 ވަނަ ޖަލްސާގައެވެ.

14  އޮގަސްޓް 2013