ގުއަންޓަނާމޯބޭ ޖަލުގެ ބައެއް ޤައިދީން ރާއްޖެ ގެނައުމާ ބެހޭ މައްސަލަ ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީގެ ފަސްވަނަ ބައްދަލުވުން މިއަދު ބާއްވައިފި (30.5.2010)

ގުއަންޓަނާމޯބޭ ޖަލުގެ ބައެއް ޤައިދީން ރާއްޖެ ގެނައުމާ ބެހޭ މައްސަލަ ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީގެ ފަސްވަނަ ބައްދަލުވުން މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިސް ކުރާގޭގައި ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ ގުއަންޓަނާމޯބޭ ޖަލުގެ ބައެއް ޤައިދީން ރާއްޖެ ގެނައުމަށް ދިވެހިރާއްޖޭގެ ސަރުކާރާއި އެމެރިކާގެ ސަރުކާރާއި ދެމެދު އެއްބަސްވުންތަކެއްވެވިފައިވާކަމުގެ މަޢުލޫމާތު ލިބިވަޑައިގެން މިކަމުގެ ޙަޤީޤަތަކީ ކޮބައިކަން ބައްލަވައި ދެއްވުމަށް އެދިވަޑައިގެން ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމަށްޓަކައި ބޭނުންވާ ބައެއް މަޢުލޫމާތު ސަރުކާރުގެ ބައެއް އިދާރާތަކުން ހޯއްދެވުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

މިއަދު ބޭއްވުނު ކޮމިޓީގެ 5 ވަނަ ބައްދަލުވުމުގައި ސޮލިސިޓަރ ޖެނެރަލް އަލްއުސްތާޛް އަބްދުﷲ މުޢިއްޒުއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް އަޙްމަދު ފަސީޙްއާއި އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލް ކޮމެޓީއަށް ޚާޒިރުވެވަޑައިގެން މަޢުލޫމާތުދެއްވާފައިވެއެވެ.

ގުއަންޓަނާމޯބޭ ޖަލުގެ ބައެއް ޤައިދީން ރާއްޖެ ގެނައުމާ ބެހޭ މައްސަލައާބެހޭ ގޮތުން ޤައުމީ ސަލާމަތުގެ ކޮމިޓީގެ ބައްދަލުވުމެއް 27 މެއި 2010 ވީ ބުރާސްފަތިދުވަހުވެސް ބާއްވާފައިވެއެވެ. މިބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދުއާއި މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަލްފާޟިލް އަޙްމަދު ނަސީމްއާއި ޑެޕިއުޓީ އެޑިޝަނަލް ސެކެރެޓަރީ އަލްއުސްތާޛާ އައިޝަތު ލިޔުޝާ ޒާހިރު އަދި މިނިސްޓަރ އޮފް ސްޓޭޓް، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އިމިގްރޭޝަން އައްޝައިޙް އިލްޔާސް ޙުސައިން އިބްރާހީމް ކޮމިޓީ އަށް ޚާޒިރުވެވަޑައިގެން ކޮމިޓީއަށް ބޭނުންވާ ބައެއް މަޢުލޫމާތު ދެއްވާފައިވެއެވެ.

މިއަދުގެ ބައްދަލުވުމަށް 10 މެންބަރުން ޚާޒިރުވެވަޑައިގަތެވެ. ރިޔާސަތު ބެލެހެއްޓެވީ ޤައުމީ ސަލާމަތުގެ ކޮމިޓީގެ މުޤައްރިރު މުލަކު ދާއިރާގެ މެމްބަރު ޢަބްދުﷲ ޔާމީންއެވެ.